ގދ. ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ސިޓީއެއްގެ ދަރަޖަ ހޯދުމަށް ބޭނުންވާ 10،000 މީހުންގެ އާބާދީ ތިނަދޫގައި ހަމަވާކަން ދެއްކުމަށް، މަރުވެފައިވާ މީހުންނާއި ސައްހަ ނޫން މައުލޫމާތު ހިމެނޭ ލިސްޓުތައް ސައުދު އެލްޖީއޭއަށް ފޮނުވި ކަމަށް ދައުލަތުން ތުހުމަތުކުރެ އެވެ. އަދި ފުލުހުންގެ ތަހުގީގުގައި އެ މައުލޫމާތު ހިއްސާނުކޮށް، އެފަދަ ރިކޯޑެއް ނެތް ކަމަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ސައުދު ދައުވާއަށް އިންކާރުކުރުމުން، ދައުލަތުން ހުށަހަޅާ ހެކިތައް ހާމަކުރި އެވެ. އެ ހެކީގެ ތެރޭގައި ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިވި ފަރާތްތަކާއި، ރައީސް އޮފީހާއި އެލްޖީއޭގެ މުވައްޒަފުން، މައްސަލަ ތަހުގީގުކުރި ފަރާތްތަކާއި ކިތާބީ ހެކި ހިމެނެ އެވެ.
ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާ ބެލުމަށްފަހު، މި ދައުވާއަކީ ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ. ދައުލަތުގެ ބައެއް ކިތާބީ ހެކި ރައްކާތެރިކުރުމަށް އަމުރެއް ވެސް ކޯޓުން ނެރުނެވެ.
ސައުދުގެ ފަރާތުން ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު ދީފައިވާއިރު، މި މައްސަލައިގެ ދެން އޮންނަ އަޑުއެހުން އަންނަ މަހު ބާއްވާނެ އެވެ.
ކޮމެންޓު ފޮނުވާ