ރާއްޖޭގެ ސްކޫލުތަކުގައި ޚިދުމަތްކުރާ ހުރިހާ މުދައްރިސުންނަށް އަންނަ އަހަރު ކޮމްޕިއުޓަރު ފޯރުކޮށްދޭނެ ކަމަށް މަތީ ތައުލީމާއި ހުނަރު ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިރޭ ބޭއްވި "އަހާ" ފޯރަމްގައި ޓީޗަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މި ކަމަށް މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގަތުމުން، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައީސް ވަނީ އިރުޝާދު ދެއްވާފައި ކަމަށެވެ. މިއަހަރު ނިމުމާއެކު މި މަސައްކަތް ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޓީޗަރުންގެ ގިނަ ބަޔަކީ އާއިލީ ޒިންމާތައް އުފުލަންޖެހޭ އަންހެނުން ކަމަށްވާތީ، ސްކޫލުގައި ހޭދަކުރަންޖެހޭ ވަގުތާއި ހުކުރު ދުވަސްތަކުގައި މަސައްކަތަށް ނުކުންނަންޖެހޭ މިންވަރު ކުޑަކުރުމަށް ވުޒާރާއިން މަސައްކަތްކުރަމުންދާ ކަމަށްވެސް ޑރ. ޝަފީއު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުގެ ދައުރުގައި 100 އަށްވުރެ ގިނަ ޓީޗަރުންނަށް އިންޒާރުދިނުމާއި ސަސްޕެންޑްކުރުން ފަދަ ފިޔަވަޅު އެޅި ނަމަވެސް، މިދިޔަ ތިން އަހަރުގެ ތެރޭގައި އެއްވެސް މުދައްރިސަކަށް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިހާރު ނޯންނާނެ އެއްވެސް ޓީޗަރަކަށް ބިރުވެރިކަމެއް. ހުދު ސަރުކާރަށް ފާޑުކީ ނަމަވެސް،" ވަޒީރު ވިދާޅުވިއެވެ.
ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި ސްކޫލުތަކުގެ އެޑްމިން އޮފިސަރުންނަށް މާލޭގައި ތަމްރީނު ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ހއ، ހދ އަދި ށ. އަތޮޅުގެ ލީޑިން ޓީޗަރުންނަށް ހިންގި ތަމްރީނު ޕްރޮގްރާމް މިއަދު ކުޅުދުއްފުށީގައި ނިންމާލިއެވެ.
ކޮމެންޓު ފޮނުވާ