ރާއްޖޭގެ ފިލްމީ ދާއިރާގެ ތަޖުރިބާކާރު އެކްޓަރު އަހްމަދު ސައީދު، އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިއެއްގެ ހައިސިއްޔަރުން ބައްދަލުވުމުގައި ބައިވެރިވެއްޖެއެވެ. ސައީދު ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާކަން، ގިނަ ބަޔަކަށް އެނގުނީ އިއްޔެގެ ބައްދަލުވުމުންނެވެ.
ސައީދު މަސައްކަތް ކުރަނީ މަދަދު ނޫހުގައެވެ. ސައީދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މަދަދަކީ އޭނާއާއި އޭނާގެ ކޮއްކޮ މަސައްކަތް ކުރާ ނޫހެއް ކަމަށާއި، ދޭތެރެއިން ޚަބަރު ވެސް ލިޔާ ކަމަށެވެ. ނަމަވެސް އެކްޓިން ދާއިރާ ދޫކޮށްނުލާނެ ކަމަށް ސައީދު ބުންޏެވެ.
1997 ވަނަ އަހަރު ލަވައަކުން ސްކްރީނަށް އައި ސައީދުގެ ފުރަތަމަ ފިލްމަކީ ފާތިމަތު ނަހުލާ 1998 ވަނަ އަހަރު ނެރުނު "ފަހުނޭވާ" އެވެ. އޭގެ ފަހުން އޭނާ 40 ވަރަކަށް ފިލްމާއި 10 ކުރު ފިލްމު އަދި 40 އަށްވުރެ ގިނަ ޑްރާމާގައި ކުޅެފައިވާއިރު، 10 ފިލްމެއް ޑައިރެކްޓް ވެސް ކޮށްފައިވެއެވެ. ގައުމީ ފިލްމް އެވޯޑްގައި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑު ހާސިލުކޮށްފައިވާ ސައީދުގެ ތިން ފިލްމު މި އަހަރު ރިލީޒްކޮށްފައިވެއެވެ. އެއީ "މަގޭ ބިޓުގެ ވެޑިން"، "ދެވި" އަދި މިހާރު އޮލިމްޕަހުގައި ދައްކަމުންދާ "މަޖުނޫނު" އެވެ.
ކޮމެންޓު ފޮނުވާ