ޖިންސީ ފުރައްސާރައިގެ ފިޔަވަޅުތަކާ ދެކޮޅަށް ޓްރައިބިއުނަލަށް ދެވޭނެ: ހައިކޯޓު

ޖިންސީ ފުރައްސާރައިގެ ފިޔަވަޅުތަކާ ދެކޮޅަށް ޓްރައިބިއުނަލަށް ދެވޭނެ: ހައިކޯޓު

Author
އަހުމަދު
08 ނޮވެމްބަރ 2026 04:04
0

 

ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގައި މުއައްސަސާތަކުން އަޅާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހޭ މުވައްޒަފުންނަށް، އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

ހައިކޯޓުން މި ނިންމުން ނިންމާފައިވަނީ، ޖިންސީ ފުރައްސާރައިގެ ތުހުމަތެއްގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މުވައްޒަފަކު، މުސާރަ ނުދީ 14 ދުވަހަށް ސަސްޕެންޑްކުރި މައްސަލައިގައެވެ. އެ ފިޔަވަޅު ބާތިލުކުރަން އެދި މުވައްޒަފު ޓްރައިބިއުނަލަށް ދިޔުމުން، އެ މައްސަލަ ބެލުމުގެ އިހްތިސާސް ޓްރައިބިއުނަލަކަށް ނެތް ކަމަށް ބުނެ ސްޓެލްކޯއިން އިޖުރާއީ ނުކުތާއެއް ނެގިއެވެ.

މައްސަލަ ބެލޭނެ ކަމަށް ޓްރައިބިއުނަލުން ނިންމުމުން، ސްޓެލްކޯއިން އެ ނިންމުން ހައިކޯޓަށް އިސްތިއުނާފުކުރިއެވެ. ނަމަވެސް ހައިކޯޓުން ކަނޑައަޅާފައިވަނީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅި ނަމަވެސް، ވަޒީފާއާބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ (ރ) ގެ ދަށުން ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ހައްގު ކޮންމެ މުވައްޒަފަކަށް ލިބިގެންވާ ކަމަށެވެ.

މި ނިންމުމާއެކު، ސްޓެލްކޯއިން އެ މުވައްޒަފާ މެދު އެޅި ފިޔަވަޅުގެ މައްސަލަ މައުޟޫއީ ގޮތުން ބަލައި ނިންމުމުގެ ފުރުޞަތު ޓްރައިބިއުނަލަށް ލިބިއްޖެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.