ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި، މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް (އާނު)ގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 30 ދުވަސް ޖަހައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިޔާމް ވިދާޅުވީ، މި މައްސަލައިގެ ތަހުގީގުގެ ގިނަ ބައެއް ވަނީ ނިމިފައި ކަމަށާއި ތަހުގީގު ނިމުމާ ގާތްވެފައިވާ ކަމަށެވެ. މިހާރު ކުރިއަށް ގެންދަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ މަޝްވަރާކޮށް، މައްސަލައިގައި ބާކީ ހުރި ބައިތައް ފުރިހަމަކުރުމުގެ މަސައްކަތް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކުރެވޭ މައްސަލަތަކުގެ ތެރޭގައި ޖިންސީ ގޯނާގެ މައްސަލަތައް ހިމެނެއެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، މިފަދަ ކުށްތަކަށް ހަރުކަށި އަދަބުތައް ކަނޑައަޅާފައިވެއެވެ.
ކޮމެންޓު ފޮނުވާ