ހުޅުމާލޭގައި ސިޓީ ހޮޓަލަކަށް ހަދަން އެސްޓީއޯއިން ބިނާކުރި ނުވަބުރީގެ އިމާރާތުގައި ތަރައްގީކުރި "މެންހަޓަން ގްރޭންޑް" ހޮޓާ މިރޭ ރަސްމީކޮށް ހުޅުވާނެ އެވެ.
ހޮޓަލުން ބުނީ، މިރޭ 10:00 އާއި 10:30 އާ ދެމެދު ބާއްވާ ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުމާއި ބޮނޑިބަތް ކެއުން ވެސް އޮންނާނެ ކަމަށެވެ. ރަސްމިއްޔާތަށް ހުރިހާ ބަޔަކަށް ދައުވަތު ދީފައި ވެއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހި ނިމޭ ހިސާބުގައި، ވެމްކޯ ކައިރީގައި ހުންނަ މި ފަސްތަރީގެ ހޮޓަލުގައި 162 ކޮޓަރި ހުރެއެވެ. އަދި ކެފޭ، ރެސްޓޯރެންޓްތައް، ކޮންފަރެންސް ހޯލެއް، އައުޓްޑޯ ސުވިމިންގ ޕޫލެއް، ސްޕާ އާއި ފިޓްނަސް ސެންޓަރެއް ވެސް ހުރެއެވެ.
ހޮޓާ ތަރައްގީކުރީ "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް" އިންނެވެ. އިމާރާތް އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ މެއި މަހުގަ އެވެ. އެޗްޑީސީން ބުނެފައިވާ ގޮތުގައި ހޮޓާ ހިންގާނީ ޔޫއޭއީގެ "ޑީޕް ސީފުޑް ކޮމްޕެނީ" ގެ 50 ޕަސެންޓް ބޭރުގެ އިންވެސްޓްމަންޓާ އެކުގަ އެވެ.
މި ހޮޓާ އެޅުމަށް އެސްޓީއޯއިން އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ އެކު އެއްބަސްވުމުގައި ސޮއިކުރީ 2008 ވަނަ އަހަރު އެވެ. "ރެޑިސަން ބްލޫ" ބްރޭންޑުގެ ދަށުން ހިންގުމަށް ރާވައިގެން 2012 ވަނަ އަހަރު އިމާރާތްކުރަން ފެށި ނަމަވެސް، ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދުކުރުމަށް ފަހު މަސައްކަތް ހުއްޓުނެވެ. 2013 ވަނަ އަހަރު ނިންމަން ރޭވި މަޝްރޫއު ދިގުލައިގަތުމުން ހިއްސާދާރުންގެ ކަންބޮޑުވުން އުފެދުނުއިރު، އިމާރާތް ވިއްކާލަން ވެސް އެތައް ފަހަރަކު އިއުލާން ކުރިއެވެ.
ފަހުން އެ އިމާރާތް 20 މިލިއަން ޑޮލަރަށް އަގުކޮށް، ހުޅުމާލެ 2 ގެ ބިމަކާ އެޗްޑީސީއާ އެކު ބަދަލުކުރިއެވެ. ނުނިމި އޮތް މި ހޮޓާ ނިންމައި ހުޅުވުމަކީ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދިން ކަންތައްތަކުގެ ތެރެއިން އެއް ކަމެކެވެ.
ކޮމެންޓު ފޮނުވާ