އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ އިއްޔެ ރެއެވެ.
ފުލުހުން މިއަދު ބުނީ، ބަންދާމެދު ގޮތެއް ނިންމުމަށް ޝާހިދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން 30 ދުވަހުގެ ބަންދު ޖަހައިދީފައިވާ ކަމަށެވެ.
ކޯޓު އަމުރަކާއެކު ޝާހިދު ހައްޔަރުކުރީ ރޭ 21:59 ހާއިރު، ހުޅުމާލޭގެ ރެއިންބޯ އޯޝަން ފްރޮންޓްގައި ހުންނަ އޭނާގެ އެޕާޓްމަންޓުންނެވެ. ފުރަތަމަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށްފަހު، ލޯންޗެއްގައި އޭނާ ދޫނިދޫއަށް ގެންދިޔައެވެ.
ހައްޔަރުކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އޭނާއާ ގުޅުވައިގެން ފެތުރޭ ވާހަކަތަކަކީ ސިޔާސީ ބޭނުމުގައި އޭނާގެ ޝަހުސު ކަތިލުމަށް ފަތުރާ އަސްލެއް ނެތް ދޮގުތަކެއް ކަމަށެވެ. ސާބިތު ނުވާ ވާހަކަތައް ނުފެތުރުމަށް ވެސް ޝާހިދު އެދިލެއްވިއެވެ.
އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ޝާހިދަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ވެސް ލިބިވަޑައިގެންފައިވެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރުމުގެ ކެމްޕޭން ވެސް ޝާހިދު ވަނީ ފައްޓަވާފައެވެ.
ކޮމެންޓު ފޮނުވާ