ކުރީގެ ފޮރިން މިނިސްޓަރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ފުލުހުން ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރުކުރީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައެވެ.
ފުލުހުން ބުނީ 64 އަހަރުގެ ޝާހިދު ހައްޔަރުކުރީ ކޯޓު އަމުރަކާއެކު ހޯމަ ދުވަހުގެ ރޭގެ 9:59 ގައި ކަމަށެވެ. އޭނާ ހައްޔަރުކުރީ ހުޅުމާލޭގެ ރެއިންބޯ އޯޝަން ފްރަންޓްގައި ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ. ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ފުލުހުންގެ މަރުކަޒަށެވެ. އޭގެ ފަހުން ދޫނިދޫ ކަސްޓޯޑިއަލް އަށް ބަދަލުކުރި އެވެ.
ތުހުމަތާ ގުޅޭ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.
ހައްޔަރުކުރުމުގެ ކުޑަ ވަގުތެއް ކުރިން ޝާހިދު އެކްސްގައި ޕޯސްޓެއް ކުރެއްވި އެވެ. އެ ޕޯސްޓުގައި ވިދާޅުވީ އޭނާއާ ބެހޭ ގޮތުން ފެތުރެމުންދާ ވާހަކަތަކަކީ ސިޔާސީ ބޭނުމަކަށް އޭނާގެ ނަން ހަލާކުކުރުމަށް ފަތުރާ ސާބިތު ނުހިފޭ ދޮގު ކަމަށެވެ. އަދި ސާބިތު ނުވާ ވާހަކަ ނުފެތުރުމަށް ވެސް ޝާހިދު އެދިވަޑައިގަތެވެ.
ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވެ އެވެ. ނިޝާން އިއްޒުއްދީނުގެ އިއްޒަތްތެރި ވެރިޔާގެ ލަގަބު ވެސް އޭނާއަށް ލިބިވަޑައިގެންފައިވެ އެވެ. މިހާރު ޝާހިދު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށެވެ.
ކޮމެންޓު ފޮނުވާ