ރަސްމާލޭން 500 ހެކްޓަރު ބިން 99 އަހަރަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމި މަޝްރޫއަށް އެ މަނިކުފާނު ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އާދިއްތަ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގަ އެވެ. ރަސްމާލެ މަޝްރޫއާ ދެކޮޅަށް ހަރަކާތްތެރިވުމަށް ގޮވާލައި ހުށަހެޅި ގަރާރަކާ ގުޅިގެން ބޭއްވި އެ ބައްދަލުވުމުގެ ބަހުސްގައި ބައިވެރިވުމުގެ ނިޔަތެއް ނެތް ނަމަވެސް، ބައެއް މެމްބަރުން އެ މަނިކުފާނުގެ ނަން ހިއްޕަވާފައިވާތީ ހިޔާލު ފާޅުކުރައްވަން ޖެހުނީ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ފުރިހަމައަށް މި ޕްރޮޖެކްޓަށް ތާއީދުކުރަން،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖެއަށް ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުން މުހިންމު ކަމަށް ނަޝީދު ކުރިން ވެސް ވިދާޅުވެފައިވެ އެވެ. ރަސްމާލެ މަޝްރޫއުގައި އެ މަނިކުފާނަށް ކަންބޮޑުވުން އޮތީ ސަރުކާރުން މައުލޫމާތު ހާމަނުކުރުމާއި މާލެ ސަރަހައްދުގައި މިފަދަ ބޮޑު މަޝްރޫއެއް ހިންގުމާ ބެހޭގޮތުން އެކަނި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
20 ބިލިއަން ޑޮލަރުގެ މި މަޝްރޫއާ މެދު އެމްޑީޕީގެ އިސްވެރިންގެ ހިޔާލު ތަފާތެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ނަޝީދުގެ ތާއީދާއެކު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ މި މަޝްރޫއާ ދެކޮޅު ހައްދަވާފަ އެވެ.
ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި ގަރާރުގައި ގޮވާލާފައިވަނީ، މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، ސަރުކާރުން އެކަމަށް އެއްބަސްނުވެއްޖެ ނަމަ މުޒާހަރާކޮށްގެން މަޝްރޫއު ހުއްޓުވުމަށެވެ. އީގަލް ހިލްސް ހޮވީ ކޮން އުސޫލަކުން ކަމާއި ހުށަހެޅުމުގެ ތަފްސީލު ހާމަނުކުރުމުން، މަޝްރޫއު ހަވާލުކޮށްފައިވަނީ ގާނޫނީ އުސޫލުތައް ފުރިހަމަނުކޮށް ކަމަށް ގަރާރުގައި ބުނެ އެވެ. އަދި ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ ދަށުން ރާއްޖޭގެ އެއްވެސް ބިމެއް ބޭރުގެ ފަރާތްތަކަށް މިލްކުކޮށް ނުދެވޭއިރު، 99 އަހަރަށް ކުއްޔަށް ދިނުމަކީ ދާއިމީ މިލްކުވެރިކަން ދިނުމާ އެއްފަދަ ކަމެއް ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.
ކޮމެންޓު ފޮނުވާ