ޔަމަނުގެ ސަރުކާރާއި ހޫތީންނާ ދެމެދު ހިނގާ ހަނގުރާމަ އަލުން ގަދަވުމާ ގުޅިގެން، މިދިޔަ އޯގަސްޓް މަހުން ފެށިގެން މިހާތަނަށް 290،000 އަށްވުރެ ގިނަ މީހުންނަށް އެމީހުންގެ ގެދޮރު ދޫކޮށް ބަދަލުވާން ޖެހިއްޖެ ކަމަށް އދ. ގެ ހިއުމަނިޓޭރިއަން އޮފީސް (އޯޗާ) އިން ބުނެފިއެވެ.
ގެދޮރު ގެއްލުނު މީހުންގެ ތެރޭގައި 6،100 ބަނޑުބޮޑު އަންހެނުން ހިމެނޭއިރު، އެއިން 600 އަންހެނުން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ވިހާނެ ކަމަށް އދ. އިން ލަފާކުރެއެވެ. ކާބޯތަކެތީގެ އަގު އުފުލި، ޚިދުމަތްތަކަށް ބުރޫއަރާފައިވާ މި ހާލަތުގައި، އދ. އިން 249،000 އެއްހާ މީހުންނަށް އެހީ ފޯރުކޮށްދީފައިވެއެވެ.
ހަނގުރާމަ އެންމެ ގަދަވެފައިވަނީ ތާއިޒްގައެވެ. ސެޕްޓެމްބަރު 1 އިން އޮކްޓޯބަރު 29 އާ ހަމައަށް އެ ސަރަހައްދުގައި ހޫތީން ދިން ހަމަލާތަކުގައި 189 އާންމުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 38 ކުޑަކުދިންނާއި 27 އަންހެނުން ހިމެނެއެވެ. މަގުތައް ބަންދުވެފައިވާތީ ތާއިޒްގައި ދިރިއުޅޭ ދެ މިލިއަނެއްހާ މީހުންނަށް ކާނާއާއި ބޭހާއި ފެން ފޯރުކޮށްދިނުމަށް ހުރަސްއެޅިފައިވެއެވެ.
ހޫތީން ވަނީ އަދަނުގައި ހުންނަ މަޢާޝިޤް ރިޔާސީ ގޮނޑިއަށާއި އަދަން އެއާޕޯޓަށް މިސައިލް ހަމަލާތައް ދީފައެވެ. ސައޫދީ އަރަބިއްޔާއަށް ދެވޭ ހަމަލާތައްވެސް އިތުރުވެފައިވާއިރު، އޮކްޓޯބަރު 10 ގައި ރިޔާޟްގެ ކިންގް ޚާލިދު އެއާޕޯޓަށް ދިން ހަމަލާއެއްގައި 13 މީހުން މަރުވިއެވެ. ނަމަވެސް ސައޫދީއަށް ޑްރޯން ހަމަލާ ދިން ކަމަށް ބުނާ ބުނުން ހޫތީން ވަނީ ދޮގުކޮށްފައެވެ.
2014 ވަނަ އަހަރު ހޫތީން ސަންޢާ ހިފުމާ ގުޅިގެން ފެށުނު މި ހަނގުރާމައިގައި ސުލްހައިގެ އެއްބަސްވުންތައް ހެދުނެވެ. ނަމަވެސް ސަންޢާ އެއާޕޯޓަށް ސަރުކާރުގެ ފައުޖުން ހަމަލާދީ، ހޫތީންގެ ފްލައިޓެއް ޖެއްސުމަށް ހުރަސްއެޅުމާ ގުޅިގެން ހަނގުރާމަ އަލުން ގަދަވެފައިވެއެވެ.
ކޮމެންޓު ފޮނުވާ