މަހަކު 60،000 ރުފިޔާއަށްވުރެ ގިނަ އާމްދަނީއެއް ލިބޭ މީހުން، 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމިއްލަ ސިއްހީ މަރުކަޒުތަކުން އާސަންދަ ބޭނުންކޮށްގެން ޚިދުމަތް ހޯދާއިރު، ޚަރަދުގެ 15 އިންސައްތަ އަމިއްލައަށް ދައްކަންޖެހޭނެ ކަމަށް ހެލްތު މިނިސްޓްރީން އިއުލާންކޮށްފިއެވެ.
މި ކޯ-ޕޭމަންޓް ނެގޭނީ އާސަންދައާ ގުޅިފައިވާ އަމިއްލަ ހޮސްޕިޓަލް، ކްލިނިކް، ފާމަސީ، އަދި އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ޚިދުމަތްދޭ ތަންތަނުންނެވެ. ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ޚިދުމަތް ހޯދާ މީހުންގެ އަތުން އެއްވެސް ފައިސާއެއް ނުނެގޭނެއެވެ. ހަމައެހެންމެ، ސަރުކާރުގެ ފެސިލިޓީތަކުގެ ތެރެއިން ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވާ ހާލަތްތަކުގައިވެސް އާސަންދަ ފުރިހަމައަށް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ފަންނީ މުވައްޒަފުން، ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ މުވައްޒަފުން، އަދި އިންޖިނިއަރުންނާއި ސައިންސް ދާއިރާގެ ފަންނުވެރިން މި އުސޫލުން އިސްތިސްނާކޮށްފައިވަނީ، ގައުމަށް މުހިންމު މި ދާއިރާތަކުގެ މީހުން ރާއްޖޭގައި ހިފެހެއްޓުމުގެ ގޮތުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި މި ފިޔަވަޅުން، ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށާއި، އެ ފައިސާ ރައްޔިތުންގެ އަސާސީ ބޭނުންތަކާއި އިޖުތިމާއީ ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ކޮމެންޓު ފޮނުވާ