އެލްޖީއޭ އިންތިޚާބުގެ ނަތީޖާއަކީ ސަރުކާރުގެ ޚިދުމަތްތަކަށް ރައްޔިތުން ދޭ ތާއީދުގެ ހެއްކެއް: ރައީސް

އެލްޖީއޭ އިންތިޚާބުގެ ނަތީޖާއަކީ ސަރުކާރުގެ ޚިދުމަތްތަކަށް ރައްޔިތުން ދޭ ތާއީދުގެ ހެއްކެއް: ރައީސް

Author
އަހުމަދު
01 ނޮވެމްބަރ 2026 12:46
0

 

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ބޭއްވި އިންތިޚާބުގެ ނަތީޖާއަކީ ސަރުކާރުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ރައްޔިތުން ދޭ ތާއީދުގެ ހެއްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މި އިންތިޚާބުން ކާމިޔާބުކުރެއްވި ޕީއެންސީގެ ދެ ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވަމުން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ޝުކުރު އަދާކުރައްވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ރަށު ކައުންސިލަރުންނާއި އ.ތ.މ. ކޮމިޓީތަކުގެ ރައީސުންނަށެވެ. ރައީސް ވިދާޅުވީ، އެމީހުން ވޯޓު ދެއްވީ ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް، ޚިދުމަތްތަކާއި ފުރުޞަތުތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް އަގުވަޒަންކޮށް ކަމަށެވެ. މި ކާމިޔާބީއަށް މަސައްކަތްކުރެއްވި ޕާޓީގެ ލީޑަރޝިޕާއި، މަޖިލިސް މެންބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކަށްވެސް ރައީސް ސާބަސް ދެއްވާފައިވެއެވެ.

މި އިންތިޚާބުން އެލްޖީއޭ ބޯޑަށް ހޮވިވަޑައިގެންނެވީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަޙްމަދާއި ށ. ފުނަދޫ އ.ތ.މ. ކޮމިޓީގެ ރައީސް މަރްޔަމް ޒީނާއެވެ. ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 807 ފަރާތުގެ ތެރެއިން 706 ފަރާތަކުން ވޯޓުލިއިރު، ޓަރންއައުޓަކީ 87.5 އިންސައްތައެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭ ބޯޑަށް ތިން މެންބަރުން އިންތިޚާބުކުރެވެއެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އެކަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އެކަކާއި، އ.ތ.މ. ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އެކަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.