ސްޓްރޯކްގެ ސަބަބުން ހަތަރު އަހަރުގައި ގާތްގަނޑަކަށް 500 މީހުން މަރުވެއްޖެ

ސްޓްރޯކްގެ ސަބަބުން ހަތަރު އަހަރުގައި ގާތްގަނޑަކަށް 500 މީހުން މަރުވެއްޖެ

Author
އަހުމަދު
30 އޮކްޓޯބަރ 2026 08:52
0

ސްޓްރޯކް ޖެހިގެން ފަރުވާ ހޯދުމަށް ކޮންމެ 16 ގަޑިއިރަކުން މީހަކު އައިޖީއެމްއެޗަށް ދާ ކަމަށް ހޮސްޕިޓަލުން ބުނެފި އެވެ.

އެ މަޢުލޫމާތު ހާމަކުރެއްވީ އައިޖީއެމްއެޗްގެ ނިއުރޮލޮޖިސްޓް ޑރ. ސަލްމާން ނިޒާމް އެވެ. ސްޓްރޯކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ހަރަކާތަކާ ގުޅިގެން، ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި ޝާއިޢުކުރި ވީޑިއޯއެއްގައި އެވެ. ނަމަވެސް އެއަށްވުރެ ތަފްސީލު މަޢުލޫމާތެއް ހޮސްޕިޓަލުން ހާމައެއް ނުކުރެ އެވެ.

އައިޖީއެމްއެޗުން ކުރިން ދީފައިވާ މަޢުލޫމާތުން ދައްކާގޮތުން، 2022 ވަނަ އަހަރުން ފެށިގެން މިދިޔަ ޑިސެމްބަރު 15 އަށް 493 މީހުން ސްޓްރޯކް ޖެހިގެން މަރުވެފައިވެ އެވެ. 2024 ވަނަ އަހަރު އެކަނި 151 މީހުން މަރުވި އެވެ.

ހަށިގަނޑުގެ ބެލެންސް ގެއްލުން، ފެނުން ފުސްވުން، މޫނުގެ އެއް ފަރާތް ތިރިވުން، އަތް ފައިގެ ވާގިދިއުމާއި ވާހަކަ ދެއްކުމުގައި ދޫ އޮޅުމަކީ ސްޓްރޯކްގެ މުހިންމު އަލާމާތްތަކެވެ.

ސިކުނޑިއާއި ނާރުގެ ބަލިތަކަށް ހާއްސަ ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އަހުމަދު ރަޝީދު ކުރިން ވިދާޅުވެފައިވަނީ ސްޓްރޯކް ޖެހިތާ ހަތަރު ގަޑިއިރާއި 30 މިނެޓުގެ ތެރޭގައި ފަރުވާ ފެށިއްޖެނަމަ ބަލިމީހާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުކުރެވޭނެ ކަމަށެވެ. ބޮޑު ސްޓްރޯކެއް ޖެހުނު ނަމަވެސް، އަވަހަށް ހޮސްޕިޓަލަށް ދެވިއްޖެނަމަ 80 އިން 90 ޕަސެންޓާ ހަމައަށް ރިކަވަރީ ހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.