ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީކުރުމަށް ދީފައިވާ މުއްދަތަށް އިތުރު ތިން މަސް ދުވަސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ދީފިއެވެ.
މިއަދު ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ، މާދަމާ ހަމަވާން އޮތް މުއްދަތު، އަންނަ އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހާ ހަމައަށް އިތުރުކުރަން ނިންމި ކަމަށެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން ހަދާފައިވާ "ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ ގަވައިދު" އާ އެއްގޮތަށް، މީޑިއާތައް ރީރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލީ ހަ މަސް ކުރިންނެވެ.
ކޮމިޝަނުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، މިހާތަނަށް 162 ފޯމު ހުށަހަޅާފައިވެއެވެ. އެއީ ރަޖިސްޓްރީ އާކުރުމަށް ހުށަހެޅި 94 ފޯމާއި، އަލަށް ރަޖިސްޓްރީކުރުމަށް ހުށަހެޅި 68 ފޯމެވެ.
ދީފައިވާ މުއްދަތުގެ ތެރޭގައި ރީރަޖިސްޓްރީ ނުކުރާ މީޑިއާތަކުގެ ހުއްދަ ބާތިލްކުރާނެ ކަމަށް ކޮމިޝަނުން ކުރިން ވެސް އިންޒާރުދީފައިވެއެވެ.
ކޮމެންޓު ފޮނުވާ