ފެނަކަ ކޯޕަރޭޝަނުން "ބްލޭޒަން އިންކް" އާ ހަވާލުކުރި މަސައްކަތް ނުނިމި ހުއްޓައި ފައިސާ ދޫކުރި މައްސަލާގައި، އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާގެ މައްޗަށް ކްރިމިނަލް ކޯޓުން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
2019 ވަނަ އަހަރު ހަވާލުކުރި މަސައްކަތްތައް ފުރިހަމަވިކަން ކަށަވަރުނުކޮށް ފައިސާ ދޫކުރުމުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި ދީނާގެ މައްޗަށް ދައުލަތުން ދަޢުވާ ކުރިއިރު، އެ ކުށް ސާބިތުވާ ކަމަށް ކޯޓުން ކުރިން ކަނޑައަޅާފައިވެއެވެ. މިއަދު ބޭއްވީ އަދަބު ކަނޑައެޅުމުގެ އަޑުއެހުމެވެ.
ދީނާއަށް ސީދާ މާލީ މަންފާއެއް ލިބިފައި ނުވާތީއާއި، އޭނާއަކީ ތުއްތު ކުދިން އެކަނި ބަލަހައްޓާ މައަކަށް ވާތީ، އަސާސީ އަދަބު ދިނުމަށް ދައުލަތުން އެދުނެވެ. ދިފާޢީ ވަކީލު އެދުނީ ނޭވާލުމުގެ ދަތިތަކާއި ޢާއިލީ މަސްއޫލިއްޔަތަށް ބަލައި، ޖޫރިމަނާއެއް ނުވަތަ ގޭބަންދުގެ އަދަބެއް ދިނުމަށެވެ. ނަމަވެސް ޖަލުގައި ނުބެހެއްޓޭނެ ކަމަށް އެއްވެސް ޑޮކްޓަރަކު ލިޔުމުން ބަޔާންކޮށްފައި ނުވާތީއާއި، މި ބާވަތުގެ ކުށްތަކުން މުޖުތަމަޢަށް ގެއްލުން ލިބި ފަސާދައަށް މަގުފަހިވާތީ ޖަލު އަދަބު ދިނުމަށް ޤާޟީ އާދަމް މުޙައްމަދު ނިންމެވިއެވެ.
މި މައްސަލާގައި ހިމެނޭ ފެނަކައިގެ ކުރީގެ އެމްޑީ މުޙައްމަދު ސަޢީދަށް އަހަރެއްހާ ދުވަސް ކުރިން ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. އޭރު ދީނާގެ ޞިއްޙީ ހާލަތު ދަށަށް ގޮސް ހޮސްޕިޓަލަށް އެޑްމިޓްކުރަން ޖެހުމުން، އޭނާއަށް ހުކުމްކުރުން ލަސްވިއެވެ. 2018 ވަނަ އަހަރު ފެނަކައިގެ ގޮފިތަކުގައި ސީސީޓީވީއާއި ކޮންފަރެންސް ސިސްޓަމް ގާއިމުކުރުމުގެ މަޝްރޫޢު ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިނގާފައިވާ ކަމަށް ތުހުމަތުކުރެވޭ އެހެން މައްސަލައެއްގެ ޝަރީޢަތް ވެސް ދީނާގެ މައްޗަށް މިހާރު ހިނގަމުންދެއެވެ.
ކޮމެންޓު ފޮނުވާ