ފަތްޖެހޭ އައިފޯނުގެ ސްކްރީން މައްސަލަ އެޕަލްއިން ޤަބޫލުކޮށްފި، މައްސަލަ ހުރި ފޯންތައް ހިލޭ ބަދަލު ކޮށްދޭނެ

ފަތްޖެހޭ އައިފޯނުގެ ސްކްރީން މައްސަލަ އެޕަލްއިން ޤަބޫލުކޮށްފި، މައްސަލަ ހުރި ފޯންތައް ހިލޭ ބަދަލު ކޮށްދޭނެ

Author
އަހުމަދު
27 އޮކްޓޯބަރ 2026 09:12
0

 

އެޕަލްގެ ފުރަތަމަ ފަތްޖެހޭ ފޯނު "އައިފޯން ޑުއޯ" ގެ އެތެރޭ ސްކްރީނަށް މައްސަލަ ދިމާވާ ފޯނުތައް ހިލޭ ބަދަލުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. ނަމަވެސް މިއީ ހުރިހާ ފޯނަކަށް ދިމާވާ އާންމު މައްސަލައެއް ނޫން ކަމަށާއި، މަދު ފޯނުތަކަކަށް ކަމަށް އެޕަލްއިން ބުނެ އެވެ.

ފަތްޖެހޭ ފޯނަށް މިފަދަ މައްސަލައެއް ދިމާވާކަން އެޕަލްއިން ރަސްމީކޮށް ޤަބޫލުކޮށްފައިވަނީ މިއީ ފުރަތަމަ ފަހަރެވެ. ސްކްރީނަށް މައްސަލަ ދިމާވެފައިވާ ފަރާތްތަކަށް އެޕަލްކެއާ މެދުވެރިކޮށް ފޯނު ބަދަލުކުރެވޭނެ ކަމަށް ކުންފުނިން ބުނި ނަމަވެސް، މައްސަލައިގެ ސަބަބެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ގާތްގަނޑަކަށް 2،000 ޑޮލަރަށް ވިއްކާ މި ފޯނު ގަނެ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީން މެދުން ފެޅުމާއި، ކުލަ ފޭދި ރޫތަކާއި ރޮނގުތައް ފެންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝަކުވާކުރަމުން ދެއެވެ. ފޯނު ހުޅުވާއިރު އާދަޔާ ހިލާފު އަޑެއް އިވޭ ކަމަށާއި، ހިންޖު ކައިރިން ސްކްރީން ދަށުން ފިތި ބާރުވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.

ފޯނު މަރާމާތުކުރާ "އައިފިކްސްއިޓް" އިން ކުރި ތަހުލީލުން ދައްކާ ގޮތުގައި، ފޯނު ހުޅުވާއިރު އެތެރޭގެ ސަޕޯޓް ބާ ރަނގަޅަށް ނުކެހޭތީ ސްކްރީންގެ މެދަށް ބާރު ބޮޑުވެގެން މި މައްސަލަ ދިމާވާ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް، މިހާތަނަށް ނެރުނު ފަތްޖެހޭ ފޯނުތަކުގެ ތެރެއިން މަރާމާތުކުރަން އެންމެ ފަސޭހަ ފޯނަކީ އައިފޯން ޑުއޯ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ.

އައިޑީސީގެ ނައިބު ރައީސް ފްރެންސިސްކޯ ޖެރޮނިމޯ ވިދާޅުވީ، އެޕަލްއިން އަވަސް ފިޔަވަޅު އެޅުމަކީ ކުންފުނީގެ އިތުބާރު ރައްކާތެރިކުރުމަށް މުހިންމު ކަމެއް ކަމަށެވެ. 2019 ވަނަ އަހަރު ސެމްސަންގުގެ ފުރަތަމަ ގެލެކްސީ ފޯލްޑަށް މިފަދަ މައްސަލަތަކެއް ދިމާވިއިރު، އަވަހަށް ހައްލުކުރެވުމުން ބާޒާރަށް ކުރި ނޭދެވޭ އަސަރު ކުޑަކުރެވުނު ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.