ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އިން، ލޯނު ދައްކަންޖެހޭ ގޮތަށް ނުދެއްކުމުން މާލޭގެ ދެ ބިމެއް ތިންވަނަ ފަހަރަށް ނީލަމަށް ލައިފިއެވެ.
ނީލަމަށް ލާފައިވަނީ މާފަންނު ދޮރަގަލި 2 އާއި މަފަންނު ދޮރަގަލި 3 އެވެ. މި ދެ ބިމާއި، ބިންތަކުގައި ހުރި ޢިމާރާތްތަކަށް ބޭންކުން ކަނޑައަޅާފައިވާ މަދުވެގެން އަގަކީ 3.8 މިލިއަން ރުފިޔާއެވެ.
ކޮންމެ ބިމެއްގެ ބޮޑުމިނަކީ 190.65 އަކަފޫޓެވެ. އެހެންކަމުން ނީލަމަށް ލާފައިވާ ޖުމްލަ ބިމުގެ ބޮޑުމިނަކީ 381.30 އަކަފޫޓެވެ. ނީލަމުގައި ބައިވެރިވުމަށް ބީލަމުގެ ރަސްމީ ލިޔެކިޔުން ގަންނަން ޖެހޭނެ ކަމަށް ސީބީއެމުން ބުނެއެވެ.
ބީލަމުގެ ލިޔެކިޔުމުގެ އަގަކީ 1,000 ރުފިޔާއެވެ. އެ ލިޔެކިޔުން ބޭންކުގެ ރަސްމީ ވެބްސައިޓުންނާއި، ހެންވޭރު ފިލިގަސްދޮށުގޭގެ ދެވަނަ ފަންގިފިލާގައި ހުންނަ ސީބީއެމްގެ ހެޑް އޮފީހުން ލިބެން ހުންނާނެއެވެ.
ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ޝަރުތުތަކުގެ ތެރޭގައި 25,000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހެޅުން ހިމެނެއެވެ. ބީލަން ހުށަހަޅަންޖެހޭ ސުންގަޑިއަކީ ނޮވެމްބަރު 1 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ބީލަން ހުޅުވާނީ ސުންގަޑި ހަމަވުމާއެކު، ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ސީބީއެމްގެ ހެޑް އޮފީހުގެ ދެވަނަ ފަންގިފިލާގައެވެ.
އެންމެ މަތީ އަގު ހުށަހަޅާ ފަރާތާއި، އެ ފަރާތުން ހުށަހަޅާ އަގު ބީލަން ހުޅުވާ ހިސާބުން އިޢުލާންކުރާނެ ކަމަށް ވެސް ސީބީއެމުން ބުނެއެވެ. މި ބިންތައް ވިއްކުމަށް ބޭންކުން މިއީ ތިންވަނަ ފަހަރަށް މަސައްކަތްކުރާ ފަހަރެވެ. ކުރިން ކުރި އިޢުލާންތަކަށް ފުދޭވަރަކަށް ޝައުޤުވެރިކަމެއް ނުލިބުނެވެ.
ނީލަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 3029102 ނުވަތަ 3029168 އަށް ގުޅުއްވޭނެއެވެ. އަދި ބޭންކުގެ ލީގަލް ޑިޕާޓްމަންޓަށް އީމެއިލް ކުރެއްވުމުން ވެސް މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ލޯނު ނުދައްކާ ފަރާތްތަކުން ލިބެންޖެހޭ ފައިސާ ހޯދުމަށް، މޯގޭޖްކޮށްފައިވާ މުދާ ނަގައި ވިއްކުމަކީ ބޭންކުތަކުން އާންމުކޮށް ޢަމަލުކުރާ އުސޫލެކެވެ.
ކޮމެންޓު ފޮނުވާ