ގަތުލްއާންމު ކުށަކަށް ހެދުމަކީ ބައިނަލްއަގުވާމީ ގޮތުން ލާޒިމް ކަމެއް: އެޓަރނީ ޖެނެރަލް

ގަތުލްއާންމު ކުށަކަށް ހެދުމަކީ ބައިނަލްއަގުވާމީ ގޮތުން ލާޒިމް ކަމެއް: އެޓަރނީ ޖެނެރަލް

Author
އަހުމަދު
27 އޮކްޓޯބަރ 2026 09:04
0

 

ގަތުލްއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ގާނޫނުލްއުގޫބާތުގައި ހިމަނަން ސަރުކާރުން ގަސްތުކުރަނީ، ރާއްޖެ ބައިވެރިވެފައިވާ ޖެނޮސައިޑް ކޮންވެންޝަނުން އެކަން ލާޒިމުކުރާތީ ކަމަށް އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ، ރާއްޖެ އެ މުއާހަދާގައި ބައިވެރިވީ 1984 ވަނަ އަހަރުގެ އެޕްރީލް 24 ގައި ކަމަށާއި، މުއާހަދާގެ 5 ވަނަ މާއްދާގައި ގަތުލްއާންމަށް އަދަބު ކަނޑައަޅާ ގާނޫނު ހެދުން ބައިވެރި ގައުމުތަކަށް ލާޒިމުކޮށްފައިވީ ނަމަވެސް، 42 އަހަރު ވީއިރުވެސް ރާއްޖެއިން އެ ޒިންމާ އަދާކޮށްފައި ނުވާ ކަމަށެވެ.

ރޮހިންޔާ މުސްލިމުންނާ ގުޅޭގޮތުން ގަމްބިއާއިން މިޔަންމާއާ ދެކޮޅަށް، އަދި ފަލަސްތީނާ ގުޅޭގޮތުން ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އައިސީޖޭގައި ހުށަހަޅާފައިވާ މައްސަލަތަކަށް ރާއްޖެ ތަދައްހުލްވެފައިވާއިރު، އެ ކޮންވެންޝަނަށް ރާއްޖެ އަމިއްލައަށް ތަބާނުވުމަކީ ރާއްޖޭގެ ގާނޫނީ ނުކުތާތަކަށް އަސަރުކުރާ ކަމެއް ކަމަށް އުޝާމް ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. ބިލުގައި ބުނެފައިވަނީ ވަކި ގައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ބަޔަކު މުޅިން ނުވަތަ އޭގެ ބޮޑު ބައެއް ނައްތާލުމުގެ ނިޔަތުގައި މީހުން މެރުމާއި ބޮޑެތި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ދިނުމަކީ ކުށެއް ކަމަށެވެ. މި ކުށުގެ އަދަބަކީ 10 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. އަދި ގަތުލްއާންމު ހިންގުމަށް ސީދާ އަދި ފާޅުގައި ގޮވާލުމަކީވެސް ކުށެއްގެ ގޮތުގައި ބިލުގައި ހިމަނާފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.