ގަތުލުއާންމު ހިންގުމަކީ 25 އަހަރާ ހަމައަށް ޖަލަށް ލެވޭނެ ކުށަކަށް ހަދަނީ

ގަތުލުއާންމު ހިންގުމަކީ 25 އަހަރާ ހަމައަށް ޖަލަށް ލެވޭނެ ކުށަކަށް ހަދަނީ

Author
އަހުމަދު
26 އޮކްޓޯބަރ 2026 10:17
0

 

ގަތުލުއާންމު ހިންގުމާއި އެކަމަށް ފާޅުގައި ގޮވާލުން ޖިނާއީ ކުށަކަށް ހަދައި، 25 އަހަރާ ހަމައަށް ޖަލު ހުކުމް ކަނޑައެޅޭ ގޮތަށް ގާނޫނުލްއުގޫބާތަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ފުރަތަމަ ކިއުން މާދަމާ މަޖިލީހުގައި އިއްވާނެއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައިވަނީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

ބިލުގައިވާ ގޮތުން، ވަކި ގައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ކުރާ ބައެއް އަމަލުތައް ކުށަކަށް ވާނެއެވެ. އޭގެ ތެރޭގައި އެ ޖަމާއަތެއްގެ މީހުން މެރުމާއި، ބޮޑެތި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ދިނުމާއި، ހަލާކުވެދާނެ ފަދަ ދިރިއުޅުމުގެ ހާލަތްތައް ގަސްދުގައި ކުރިމަތިކުރުވުމާއި، ދަރިން އުފަންވުން މަނާކުރުމާއި، ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތަކަށް ބަދަލުކުރުން ހިމެނެއެވެ.

މި ކުށަކީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމުގައި ބިލުގައި ބަޔާންކޮށްފައިވާއިރު، އަސާސީ މިންގަނޑުން 10 އަހަރުގެ ޖަލު ހުކުމް ކަނޑައެޅިފައިވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ، ވަޒީރުން، މަޖިލީހުގެ މެންބަރުން، ފަނޑިޔާރުން ނުވަތަ ސަލާމަތީ ހިދުމަތްތަކުގެ އަމުރުވެރިން ނޫން މީހަކު ކުރާ ހާލަތުގައި އެއީ ދެވަނަ ދަރަޖައިގެ ކުށަކަށް ވާނެއެވެ.

ވެރިއެއްގެ އަމުރަށް ތަބާވީ ކަމަށް ބުނުމަކީ ނުވަތަ އެ އަމަލަކީ ގާނޫނުން ހުއްދަ ކަމެއް ކަމަށް ބުނުމަކީ ދިފާއެއް ނޫން ކަމަށާއި، ކުށްކުރި މީހާގެ މަގާމަކަށް ނުވަތަ ހަނގުރާމައިގެ ހާލަތަކަށް ރިއާޔަތް ނުކުރެވޭނެ ކަމަށް ވެސް ބިލުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.