ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައިގެން މީހަކު ކައިރިން މަކަރާއި ހީލަތުން 32،000 ރުފިޔާ ނަގާފައިވާ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މިދިޔަ 13 އޮކްޓޫބަރުގަ އެވެ. ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ވެލަސްފަރުގެ، ހުސައިން ސާމިރު (40)، ދަފްތަރު ނަންބަރު ރސ 6007، މުހައްމަދު ރީހާން (33) އާއި ޖޯޖެޑްވިލާ، އަހްމަދު ސުޖާއު (46) ކަމަށެވެ.
އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ސާމިރާއި ސުޖާއު 15 ދުވަހަށާއި ރީހާން 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.
ސްކޭމްތަކުން ރައްކާތެރިވުމަށް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑާއި ބޭންކިންގެ މައުލޫމާތު އެހެން މީހުންނާ ހިއްސާ ނުކުރުމަށް ފުލުހުން އެދިފައިވެ އެވެ. އަދި އޮންލައިންކޮށް ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން އަނެއް ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، މަކަރާއި ހީލަތުގެ އަމަލެއް ފާހަގަވެއްޖެނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ އެންޓި-ސްކޭމް ސެންޓަރަށް ލަސްނުކޮށް ރިޕޯޓުކުރުމަށް ވެސް ފުލުހުން އެދިއްޖެ އެވެ.
ކޮމެންޓު ފޮނުވާ