ދިވެހި އުފެއްދުންތެރިންނާއި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) ބޭރު ގައުމުތަކުން ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަތުމުގެ ފުރުސަތު، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގޭޓްވޭ މެދުވެރިކޮށް ހުޅުވިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މި ކަން އިއުލާން ކުރެއްވީ، ބާސެލޯ ނަސަންދުރާގައި ބޭއްވި ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގެ އިނާމު ދިނުމުގެ ޖަލްސާގައެވެ. ބޭރު ބާޒާރުތަކުން ފައިސާ ލިބިގަތުމުގައި ކުދި ވިޔަފާރިތަކަށް ގިނަ ދަތިތަކެއް ކުރިމަތިވާތީ، ބީއެމްއެލް، އިކޮނޮމިކް މިނިސްޓްރީ އަދި ބީސީސީ ގުޅިގެން އެ ހުރަސްތައް ނައްތާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި އިންތިޒާމާއެކު، ކާޑާއި ރެމިޓެންސް މެދުވެރިކޮށް ބޭރުން މުދަލާއި ހިދުމަތް ގަތުމާއި، ސަބްސްކްރިޕްޝަން ފަދަ ޕޭމަންޓްތައް ދެއްކުމަށްވެސް ލުއި ގޮތްތަކެއް ނޮވެމްބަރު 1 ން ފެށިގެން ހަމަޖެހިގެންދާނެއެވެ. މި ލުއިތަކުގެ ސަބަބުން އެމްއެސްއެމްއީ ސެކްޓަރުގެ ދަތިތައް ކުޑަވެ، ވިޔަފާރިތަކުގެ ފައިދާ އިތުރުވެގެންދާނެ ކަމަށާއި، މި ސެކްޓަރަށް ވަންނަން ބޭނުންވާ ފަރާތްތަކަށްވެސް މި ފުރުސަތު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ