ޔުނައިޓެޑް އެރެބް އެމިރޭޓްސްއިން އދ ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހުށަހަޅާފައިވާ، އެ ޤައުމުގެ ސަފީރު ލާނާ ޒަކީ ނުސައިބާއަށް ދިވެހި ސަރުކާރުން ފުރިހަމަ ތާއީދު ދީފިއެވެ.
ފޮރިން މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވަނީ، ޔޫއޭއީގެ މި ނިންމުމަށް ރާއްޖެއިން މަރުޙަބާ ކިޔާ ކަމަށެވެ. އދ ގެ އެންމެ އިސް މަޤާމަށް އަންހެން ބޭފުޅަކު ވަޑައިގަތުމަށް ރާއްޖެއިން ދިގު މުއްދަތަކަށް ވަކާލާތުކުރަމުން އަންނަ ކަމަށާއި، މިއީ އުސޫލުތަކުގައި ހިފަހައްޓާ، ޤައުމުތަކުގެ މެދުގައި އިތުބާރާއި އެއްބަސްވުން ގާއިމުކުރެވޭނެ ލީޑަރޝިޕެއް އދ އަށް ވަރަށް ބޭނުންވެފައިވާ ވަގުތެއް ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.
ދެން އަންނަ ސެކްރެޓަރީ ޖެނެރަލަކީ އދ ގެ ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނު ނެގެހެއްޓުމުގައި ސާބިތުވެ ހުންނަވާ، ސުލްޙަ، ދެމެހެއްޓެނިވި ތަރައްޤީއާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރައްވާ ބޭފުޅަކަށް ވާންޖެހޭ ކަމަށް ރާއްޖެއިން ދެކެއެވެ. ސެކްރެޓަރީ ޖެނެރަލް ހޮވުމުގެ މަރުޙަލާ ވާންވާނީ ދެފުށް ފެންނަ، ގާބިލުކަމަށް ބަލައިގެން ކުރިއަށްދާ އިންސާފުވެރި މަރުޙަލާއަކަށް ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، ހުރިހާ ޤައުމަކަށް ބައިވެރިވެވޭނެ ހަރުދަނާ އދ އެއް ބިނާކުރުމަށް އެހެން މެންބަރު ޤައުމުތަކާއެކު މަސައްކަތްކުރަން ރާއްޖެ ތައްޔާރަށް އޮތްކަން ވެސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ކޮމެންޓު ފޮނުވާ