ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައިވާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ ބައްދަލުކުރައްވައިފިއެވެ.
ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު، އައިވާން-އީ-ސަދްރުގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ޤައުމުގެ ގުޅުން ދޭދޭ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ބަދަހިކުރެވޭނެ ގޮތްތަކާ މެދު ދެ ރައީސުން މަޝްވަރާކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ދެ ޤައުމުގެ ތާރީޚީ އަޚުވަންތަ ގުޅުމުގެ މައްޗަށް ބިނާކޮށް، ވިޔަފާރި، ތަޢުލީމު، ޞިއްޙަތު އަދި ތަމްރީނުގެ ދާއިރާތަކުގައި ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ކަމަށެވެ.
ރައީސް ޒަރްދާރީ ވަނީ ރައީސް މުޢިއްޒަށް މަރުޙަބާ ދަންނަވައި، މި ދަތުރުފުޅުން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ތަރައްޤީ ފާހަގަކުރައްވައި، މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުން ގުޅުން އިތުރަށް ބަދަހިވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ދިގު މުއްދަތެއްގެ ވަގުފާއަކަށްފަހު ކުރެއްވި މި ދަތުރުފުޅާ ޕާކިސްތާނުގެ ރައްޔިތުން އުފާކުރާ ކަމަށްވެސް ރައީސް ޒަރްދާރީ ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ޕާކިސްތާނުގެ ފަސްޓް ލޭޑީ އަސީފާ ބުއްޓޫ ޒަރްދާރީ ވަކިން ބައްދަލުކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ