ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް އިސްލާމްއާބާދުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމަކީ ރައީސް ކުރައްވާ މަސައްކަތްތައް ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށް ވެރިކަންކުރާ ޕީއެންސީން ބުނެފިއެވެ.
މިއަދު ނެރުނު ބަޔާނެއްގައި ޕީއެންސީން ބުނީ، ރާއްޖޭގެ އިޤްތިސާދާއި ދައުލަތުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސް ކުރައްވާ މަސައްކަތާއި، ދިވެހިންގެ މަސްލަހަތު އިސްކޮށް ގެންގުޅުއްވާ ހަމަހަމަ ޚާރިޖީ ސިޔާސަތު ދުނިޔެއިން ފާހަގަކުރާ ކަމަށެވެ. މި ޝަރަފަކީ މުޅި ދިވެހި ގައުމަށް ލިބުނު ފަޚުރެއް ކަމަށް ބުނެ ޕީއެންސީން ރައީސަށް މަރުހަބާ ދަންނަވައިފިއެވެ.
ރައީސް މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ވޭތުވެދިޔަ 11 އަހަރުގެ ތެރޭގައި ދިވެހި ވެރިއަކު އެ ގައުމަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. މި ދަތުރުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް 20 އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާއިރު، އިސްލާމީ އުންމަތުގެ މުހިންމު ބާރެއް ކަމުގައިވާ ޕާކިސްތާނާއެކު ގުޅުން ވަރުގަދަކުރެއްވުމަކީ އިސްލާމީ ގައުމުތަކާ ގުޅުން ހަރުދަނާކުރުމަށް ރައީސް ދެއްވާ އިސްކަމުގެ ރަމްޒެއް ކަމަށްވެސް ޕީއެންސީން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ