ހޮނިހިރު ދުވަހާ ހަމައަށް މޫސުން ގޯސްކޮށް އޮންނާނެ: މެޓް

ހޮނިހިރު ދުވަހާ ހަމައަށް މޫސުން ގޯސްކޮށް އޮންނާނެ: މެޓް

Author
އަހުމަދު
22 އޮކްޓޯބަރ 2026 10:10
0

 

އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން އުފެދުނު ވިލާގަނޑެއްގެ އަސަރު ރާއްޖެއަށް ކުރަމުންދާއިރު، ހޮނިހިރު ދުވަހާ ހަމައަށް މޫސުން ގޯސްކޮށް އޮންނާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.

މެޓުން ބުނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާއިރު، ރާއްޖޭގެ ހުޅަނގުގައި އުފެދޭ ބޯ ވިއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުންދާތީ މިއަދު ވެސް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. ހޮނިހިރު ދުވަހުގެ ނިޔަލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށާއި، ހާއްސަކޮށް އުތުރާއި މެދުރާއްޖެއަށް މޫސުން އިތުރަށް ގޯސްވާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ. އެހެންކަމުން ކަނޑުދަތުރު ކުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެ އިދާރާއިން އެދެ އެވެ.

ދެ ދުވަސް ކުރިން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވިއިރު، އިއްޔެ ދެކުނާއި މެދުރާއްޖެއަށް މެދުނުކެނޑި ވެހުނު ބޯވާރޭގެ ސަބަބުން މާލެ އާއި ބައެއް ރަށްރަށުގައި ވަނީ ބޮޑަށް ފެންބޮޑުވެފަ އެވެ. އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ގއ. ގެމަނަފުއްޓަށް ކަމަށާއި، އެ ރަށަށް 101.8 މިލިމީޓަރުގެ ވާރޭ ވެހުނު އެވެ. ހުޅުލެއަށް 90.3 މިލިމީޓަރާއި މާލެއަށް 90 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

ބޯކޮށް ވާރޭ ވެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، މާލެ އާއި މާލެ ކައިރި 3 އަތޮޅަކަށް ރޭ މެޓުން ވަނީ އޮރެންޖް އެލާޓް ނެރެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.