އަބުޗާ ދޫކޮށްލި މައްސަލައިގައި ޕެރޯލް ބޯޑު މަޖިލީހަށް ހާޒިރުކުރަނީ

އަބުޗާ ދޫކޮށްލި މައްސަލައިގައި ޕެރޯލް ބޯޑު މަޖިލީހަށް ހާޒިރުކުރަނީ

Author
އަހުމަދު
14 އޮކްޓޯބަރ 2026 03:00
0

އައްޑޫގައި ޑްރަގު ނެޓްވޯކެއް ހިންގި މައްސަލައިގައި ޖަލު ހުކުމް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލް ބޯޑުން މިނިވަންކުރި މައްސަލަ ތަހުގީގުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައި، އެކަން ސާފުކުރުމަށް ޕެރޯލް ބޯޑުގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

2020 ވަނަ އަހަރު ރާއްޖެއަށް 80 ކިލޯއަށް ވުރެ ގިނަ ޑްރަގު އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި އަބުޗާއަށް، މިދިޔަ އަހަރުގެ މެއި މަހު 25 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވެ އެވެ. މިދިޔަ ހަފްތާގައި ޕެރޯލް ބޯޑުން އޭނާ ދޫކޮށްލުމާ އެކު އާންމުންގެ ފަރާތުން ކަންބޮޑުވުން ފާޅުކުރުމުން، އޭނާ އަލުން ހައްޔަރުކޮށް، ބޯޑުގެ މެމްބަރުން ވަކިކޮށްފައިވެ އެވެ.

މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ބޮޑު ކުށްވެރިއަކު ދޫކުރުމުގައި ގާނޫނީ ގޮތުން ގޯސް ހެދުނު ސަބަބާއި، ދޫކުރުމަށް ފަހު އިދާރީ ނިންމުމަކުން އަލުން ހައްޔަރުކުރެވޭނެ ގާނޫނީ އުސޫލު ބެލުމަށާއި، ހޯމްލޭންޑް މިނިސްޓްރީއާ މުއާމަލާތްކޮށްފައިވާ ނަމަ އެ މައުލޫމާތު ހޯދުމަށް ވެސް އެ މައްސަލާގައި އެދިފައިވެ އެވެ.

ޕެރޯލް ބޯޑު ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފު ރަޝީދެވެ. އެ ހުށަހެޅުމަށް ކޮމިޓީގެ ހުރިހާ މެމްބަރުން ތާއީދުކުރެއްވި އެވެ. މި ފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދަން ޖެހޭ ކަމަށް އަޝްރަފު ވިދާޅުވިއިރު، ހަމައެކަނި ބޯޑުގެ މެމްބަރުން ވަކިކުރުމަކުން މައްސަލަ ހައްލު ނުވާނެ ކަމަށާއި، ހިނގި ގޯސް ރައްޔިތުންނަށް ހާމަކުރަން ޖެހޭ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވި އެވެ.

ކޮމިޓީގެ މުގައްރިރު މުހައްމަދު މަމްދޫހު ވިދާޅުވީ ޕެރޯލްގެ ދަށުން ކުށްވެރިން ދޫކުރުމަކީ ކޮންމެ ސަރުކާރެއްގައި ވެސް ހިނގާ ކަމެއް ކަމަށާއި، އިންތިހާބުތަކާ ދިމާކޮށް އެކަން އިތުރުވާ ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި އެންމެ މަދުން ކުށްވެރިން ދޫކުރީ މިހާރުގެ ސަރުކާރުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ހިއްސާކުރެއްވި ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2008 އިން 2012 އަށް 439 ކުށްވެރިން، 2013 އިން 2018 އަށް 350 އެއްހާ ކުށްވެރިން، އަދި 2018 އިން 2023 އަށް 1905 އެއްހާ ކުށްވެރިން ޕެރޯލްގެ ދަށުން ދޫކޮށްފައިވާއިރު، 2025 ވަނަ އަހަރު ދޫކޮށްފައިވަނީ 27 ކުށްވެރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.