ހުއްދައެއް ނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން ރައްޔިތަކު ހައްޔަރުކޮށް، އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ހައްޔަރުކުރީ އާމިރު ހުސައިން، އެމްޑީ މީޒާނުއްރަހްމާން އަދި ސިރާޒް ހާން އެވެ. ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ދިނުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މި މީހުން ހައްޔަރުކުރީ، މިދިޔަ އޮގަސްޓު މަހު ސަރުކާރުން އެކުލަވާލި ގައުމީ ޓާސްކްފޯހުންނެވެ.
ފުލުހުން ބުނީ، މި ތިން މީހުން ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ކަމަށް ތުހުމަތުކުރެވޭ ކަމަށާއި، އެ މީހުންނާ މެދު އަޅާނެ ފިޔަވަޅު ނިންމާނީ ތަހުގީގުން ލިބޭ މައުލޫމާތާ ބެލޭނެ ކަމަށެވެ.
ޓާސްކްފޯސް އެކުލަވާލުމަށް ފަހު ފުރަތަމަ ހައްޔަރުކުރި ހަ ބިދޭސީންގެ އެކައުންޓުތަކުން ފާއިތުވި ތިން އަހަރުދުވަހުގެ ތެރޭގައި 1.6 މިލިއަން ޑޮލަރާއި 54 މިލިއަން ރުފިޔާ ދައުރުކޮށްފައިވެ އެވެ. މިދިޔަ މަހުގެ މެދުތެރޭގައި ދެ ބިދޭސީއަކު އިމިގްރޭޝަނަށް ހަވާލުކުރި ފަހުން، ސީރިއަލް ޕެކެޓުތަކުގެ ތެރޭގައި ބޭރު ފައިސާ ފޮރުވައިގެން ފުރަން އުޅުނު ހަ ބަންގްލަދޭޝީއަކު ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައިވެ އެވެ.
ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، މަދު ބިދޭސީންތަކަކާއި ކުންފުނިތަކަކާއި އެއް މަނީ އެކްސްޗޭންޖެއް ފިޔަވައި އެހެން ފަރާތްތަކާ މެދު ފިޔަވަޅު އެޅި ކަމަކަށް އަދި ހާމައެއް ނުކުރެ އެވެ.
ކޮމެންޓު ފޮނުވާ