ގދ. ތިނަދޫގައި ސައިކަލަކަށް ފޮއްޓެއް އަރުވައިގެން ދަމުން ދިޔައިރު ކޮންޓްރޯލް ގެއްލިގެން، ސައިކަލު ދުއްވަން އިން މީހާއާއި ފަހަތުގައި އިން މީހާއާއެކު ސައިކަލު މޫދަށް ވެއްޓިއްޖެއެވެ.
ފުލުހުން ބުނީ ތިނަދޫ ޑީ.އެމް.އެން ކެފޭ ކުރިމަތިން ބަނދަރާ ދިމާލަށް ހިނގި މި ހާދިސާގެ މައުލޫމާތު ލިބުނީ ހަވީރު 17:28 ހާއިރު ކަމަށެވެ. ހާދިސާގައި ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވާއިރު، ސައިކަލު ދުއްވި މީހާގެ ކިބައިގައި އެ ބާވަތުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންނާއި އަހުލުވެރިން ގުޅިގެން 17:47 ހާއިރު ސައިކަލު މޫދުން ނަގައި، ވެރިފަރާތާ ހަވާލުކޮށްފިއެވެ.
މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް، އުޅަނދުގެ ބެލެންސް ނުގެއްލޭނެ ގޮތަށާއި ދުއްވާ މީހާއަށާއި ފަހަތު އިންނަ މީހާއަށް ދަތިނުވާ ގޮތަށް، ގަވާއިދާ އެއްގޮތަށް މުދާ އުފުލުމަށް ފުލުހުން ވަނީ އަހުލުވެރިންނަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ