ބުދަ ދުވަހު ބާއްވަން ތާވަލުކޮށްފައި ހުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށް، ދެން ޖަލްސާއެއް ބާއްވާނީ އަންނަ ހޯމަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން އަންގައިފިއެވެ.
އަންގާރަ ދުވަހުގެ ޖަލްސާ ނިންމަވަމުން މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް ވިދާޅުވީ ދެން ޖަލްސާ އޮންނާނީ ބުދަ ދުވަހުގެ ހެނދުނު ކަމަށެވެ. ނަމަވެސް ފަހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި މަޖިލީހުގެ އިދާރާއިން ބުނީ ޖަލްސާ ހޯމަ ދުވަހަށް ފަސްކުރި ކަމަށެވެ. ފަސްކުރި ސަބަބެއް އިދާރާއިން ހާމައެއް ނުކުރެއެވެ.
މި މަހުގެ 5 ގައި ފެށި މި ދައުރުގައި މިހާތަނަށް ފަސް ޖަލްސާ ބާއްވާފައިވާއިރު، ދައުރުގެ މައިގަނޑު މަސައްކަތަކީ އަންނަ އަހަރުގެ ބަޖެޓު ދިރާސާކޮށް ފާސްކުރުމެވެ.
ނިމިދިޔަ ދައުރު ދެ ފަހަރު ދަންމާލި ނަމަވެސް، އެ ދައުރުގެ މަސައްކަތްތަކުގެ ދެބައިކުޅަ އެއްބައިވެސް ނުނިމުނު ކަމަށް މަޖިލީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެ ދައުރުގައި 28 ޖަލްސާއާއި ކޮމިޓީތަކުގެ 138 ބައްދަލުވުން ބާއްވާފައިވެއެވެ. ފުރަތަމަ ދައުރުން 94 މަސައްކަތް ނަގުލުވިއިރު، ދެވަނަ ދައުރުގައި 120 މަސައްކަތް އިތުރަށް ހުށަހެޅުނެވެ.
ކޮމެންޓު ފޮނުވާ