ސައުދީ އަރަބިއްޔާގެ ދެ އިންޓަނޭޝަނަލް އެއާޕޯޓަކަށް ޔަމަނުގެ ހޫޘީން ދިން ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް އަސަރުކުރިކަމުގެ މަޢުލޫމާތެއް ލިބިފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި މިނިސްޓްރީން ބުނީ، ހާލަތު ގާތުން ބަލަމުން ގެންދާ ކަމަށެވެ. ސައުދީގައި އުޅޭ ދިވެހިންނަށް އެހީއެއް ބޭނުންވެއްޖެނަމަ މިނިސްޓްރީގެ ހޮޓްލައިން 7983400 އަށް ގުޅުއްވުމަށް ވެސް މިނިސްޓްރީން އެދިފައިވެއެވެ.
ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޮނިހިރު ދުވަހު ދިން ހަމަލާގައި 12 މީހުން މަރުވެ، 309 މީހުން ޒަޚަމްވެފައިވެއެވެ. މިއީ ވޭތުވެދިޔަ ދިހަ އަހަރުތެރޭ ސައުދީއަށް ދެވުނު އެންމެ ނުރައްކާތެރި ހަމަލާއެވެ. މި ހަފުތާގެ ކުރީކޮޅު އެއާޕޯޓަށް ދިން ދެ ހަމަލާގައި ވެސް ފަސް މީހުން މަރުވެ، 36 މީހަކު ޒަޚަމްވެފައިވެއެވެ.
މި ހަމަލާއާ ގުޅިގެން، އަހަރަކު 8 މިލިއަން ދަތުރުވެރިންނަށް ޚިދުމަތްދޭ ރިޔާޟް އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލައި، އެ އެއާޕޯޓަށް ދާން އޮތް ހުރިހާ ފްލައިޓެއް އެހެން ތަންތަނަށް ޑައިވަރޓުކޮށްފައިވެއެވެ. ސައުދީގެ ވައިގެ ސަރަހައްދަކީ އަސްކަރީ ސަރަހައްދެއް ކަމަށް ކަނޑައަޅައި، އެ ސަރަހައްދުން ދަތުރު ނުކުރުމަށް ހޫޘީން ވަނީ ބައިނަލްއަޤްވާމީ އެއާލައިންތަކަށް އިންޒާރުދީފައެވެ.
ކޮމެންޓު ފޮނުވާ