ސްޓާލިންކް ލަސްވާ މައްސަލާގައި މަސްކްގެ ތުހުމަތަށް އިންޑިއާ ސަރުކާރުން ރައްދުދީފި

ސްޓާލިންކް ލަސްވާ މައްސަލާގައި މަސްކްގެ ތުހުމަތަށް އިންޑިއާ ސަރުކާރުން ރައްދުދީފި

Author
އަހުމަދު
10 އޮކްޓޯބަރ 2026 08:11
0

ސްޓާލިންކްގެ ޚިދުމަތް އިންޑިއާގައި ފެށުމަށް މުކޭޝް އަމްބާނީ ހުރަސްއަޅާ ކަމަށް އީލޮން މަސްކް ކުރި ތުހުމަތު އިންޑިއާ ސަރުކާރުން ދޮގުކޮށް، އެ ގައުމުގެ އެއްވެސް ދާއިރާއެއްގައި މޮނޮޕޮލީއަކަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފިއެވެ.

ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިހެން ވިދާޅުވީ އިންޑިއާގެ ޓެލެކޮމް މިނިސްޓަރު ޖިއޯތިރާދިތުޔާ ސިންދިއާއެވެ.

ހަތަރު އަހަރު ވަންދެން އިންތިޒާރުކުރި ނަމަވެސް ސްޓާލިންކަށް ފުރިހަމަ ހުއްދަ ނުލިބޭތީ ސުވާލުކުރަމުން، ބުރާސްފަތި ދުވަހު "އެކްސް"ގައި މަސްކް ކުރި ޕޯސްޓެއްގައި ވަނީ "އިންޑިއާގެ އަސްލު ބޮޑަކީ އަމްބާނީތޯ؟" ހަޖޯޅުގައި ސުވާލުކޮށްފައެވެ. ނަމަވެސް މި ތުހުމަތަށް ހެއްކެއް މަސްކް ހުށަހަޅާފައެއް ނުވާއިރު، ރިލަޔަންސް ޖިއޯއިން ވެސް އަދި ބަހެއް ބުނެފައެއް ނުވެއެވެ.

ސަރުކާރުން ބުނީ ސްޓާލިންކް ހިމެނޭ ގޮތަށް ސެޓެލައިޓް އިންޓަނެޓުގެ ހުއްދަ ލިބިފައިވާ ތިން ކުންފުންޏަކީ ވެސް ރެގިއުލޭޓަރީ ގޮތުން އެއް މަރުހަލާއެއްގައި އޮތް ކުންފުނިތައް ކަމަށާއި، ވަކި ފަރާތަކަށް ބުރަވާ ކަމަށް ދެކެވޭ ވާހަކައަކީ ބިންގަލެއް ނެތް ވާހަކައެއް ކަމަށެވެ. ސްޓާލިންކަށް ހުއްދަ ލިބިފައިވީ ނަމަވެސް، ސަލާމަތީ ޝަރުތުތަކާއި ސްޕެކްޓްރަމް ދޫކުރުމުގެ މަރުހަލާ ނިމެންދެން ވިޔަފާރީގެ ގޮތުން ޚިދުމަތް ނުފެށޭނެއެވެ.

އެއް ބިލިއަނަށްވުރެ ގިނަ އިންޓަނެޓް ބޭނުންކުރާ މީހުން ތިބި އިންޑިއާގެ މާކެޓުގެ ބޮޑު ބައި މިހާރު ހިފަހައްޓާފައި ވަނީ އަމްބާނީގެ ރިލަޔަންސް ޖިއޯއާއި ސުނިލް މިއްތަލްގެ ބާރްތީ އެއާޓެލްއިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.