ރަސްމާލޭގައި ތަރައްގީކުރާ މެރީނާ މަޝްރޫއުގައި އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެވުމާއި ޕްރޮޕަޓީ ގަތުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށާއި، އެ ކުންފުނިން ރާއްޖޭގެ ގާނޫނަށް ފުރިހަމައަށް ބޯލަނބާނެ ކަމަށް އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލް-އައްބާރު ވިދާޅުވެއްޖެ އެވެ.
އިއްޔެ 'ދައުރު’އަށް ވާހަކަ ދައްކަވަމުން އަލް-އައްބާރު ވިދާޅުވީ، ކޮންމެ ގައުމެއްގެ ގާނޫނަކީ އެ ގައުމެއްގެ ހައްގެއް ކަމަށާއި، ވަކި ގައުމެއްގެ ރައްޔިތުން އެތެރެވުން ގާނޫނުން މަނާކޮށްފައިވާ ނަމަ، އެއާ ހިލާފަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ.
ރާއްޖޭން އިޒްރޭލު ޕާސްޕޯޓު މަނާކުރީ، ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާއި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް، މިދިޔަ އަހަރުގެ އޭޕްރީލް 15 ގައެވެ. ނަމަވެސް، އީގަލް ހިލްސްގެ މަޝްރޫއަކީ އިޒްރޭލު މީހުން ރާއްޖެ ވަދެވޭނެ ވަގުތީ ދޮރެއް ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އުފެދިފަ އެވެ.
މަޝްރޫއުން ޕްރޮޕަޓީ ގަންނަ ބޭރު މީހުންނަށް ރެޒިޑެންސީ ދިނުމާ ބެހޭ ސުވާލަކަށް ޖަވާބު ދެއްވަމުން އަލް-އައްބާރު ވިދާޅުވީ، އެކަމާ ގުޅޭ ވަކި އެއްބަސްވުމެއް އަދި ނުވާ ކަމަށާއި، މި ކުރަނީ ރާއްޖެ "ދެވަނަ ގެއެއް" ގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ނަމަވެސް، ރެޒިޑެންސީ ދިނުމުގައި ވެސް އަމަލުކުރާނީ ރާއްޖޭގެ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ.
އިންވެސްޓަރުންނަށް ހާއްސަ 'ޕާލް ރެޒިޑެންސް ވިސާ' ތައާރަފު ކުރަން ސަރުކާރުން ނިންމާފައިވާއިރު، އޭގެ ގާނޫނު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ އެވެ.
ކޮމެންޓު ފޮނުވާ