ހުޅުމާލޭގައި 5،000 ފްލެޓް އަޅާ ޚަރަދު އީގަލް ހިލްސްއިން؛ ދޭނެ ބަޔަކާއި އަގު ނިންމާނީ ސަރުކާރުން

ހުޅުމާލޭގައި 5،000 ފްލެޓް އަޅާ ޚަރަދު އީގަލް ހިލްސްއިން؛ ދޭނެ ބަޔަކާއި އަގު ނިންމާނީ ސަރުކާރުން

Author
އަހުމަދު
09 އޮކްޓޯބަރ 2026 11:16
0

ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓުގެ ހަރަދު ކުރާނީ އީގަލް ހިލްސްއިން ކަމަށާއި، އެ ފައިސާ އަނބުރާ ހޯދާނީ ރަސްމާލެ މަޝްރޫއު ކުރިއަށް ދާ ވަރަކަށް ލިބޭ ފައިދާއިން ކަމަށް އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަލް-އައްބާރު ވިދާޅުވެއްޖެ އެވެ.

އިއްޔެ 'ދައުރު’އަށް ދެއްވި އިންޓަވިއުއެއްގައި އަލް-އައްބާރު ވިދާޅުވީ، މި ހައުސިން ޔުނިޓުތަކަކީ ރަސްމާލެ މަޝްރޫއުގެ އިނީޝިއަލް ކޮމިޓްމަންޓެއްގެ ގޮތުގައި ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި، މިހާރު ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި ވެސް މި މަޝްރޫއު ހިމެނޭ ކަމަށެވެ. ޔުނިޓުތައް ދޭނެ ބަޔަކާއި އަގު ކަނޑައަޅާނީ ދިވެހި ސަރުކާރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ތަންތަން އަޅަނީ ދިވެހިންނަށް އަމާޒުކޮށްގެން. އަގާއި ދޭނެ ބަޔަކު ނިންމާނީ ސަރުކާރުން ބޭނުންވާ ގޮތަކަށް،" އަލް-އައްބާރު ވިދާޅުވި އެވެ.

އީގަލް ހިލްސްއިން އިންވެސްޓްކޮށްފައިވާ އެހެން ގައުމުތަކުގައި ވެސް ސޯޝަލް ހައުސިން ޔުނިޓުތައް އަޅާފައިވާކަން ފާހަގަކުރައްވައި، އަލް-އައްބާރު ވިދާޅުވީ މި މަޝްރޫއަކީ ރައްޔިތުންނަށާއި، އޭނާއަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ހާއްސަ މަޝްރޫއެއް ކަމަށެވެ.

މި ހައުސިން މަޝްރޫއާ ގުޅޭ ތަފްސީލީ މައުލޫމާތު ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް މީގެ ކުރިން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެފައިވަނީ، އަންނަ އަހަރުގެ ކުރީކޮޅު ޔުނިޓުތަކުގެ މަސައްކަތް ފެށޭނެ ކަމަށާއި، މި މަސައްކަތަށް ސަރުކާރުގެ އެއްވެސް މާލީ ކޮމިޓްމަންޓެއް ނެތް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.