މެލޭޝިއާގައި މިދިޔަ އާދީއްތަ ދުވަހު ހިނގި އެކްސިޑެންޓެއްގައި ދިވެހި ދަރިވަރެއް ނިޔާވި މައްސަލާގައި، އެ ކާރު ދުއްވި ޓެކްސީ ޑްރައިވަރުގެ މައްޗަށް އެ ގައުމުގެ ފުލުހުން ތިން ދައުވާއެއް އުފުލައިފިއެވެ.
މެލޭމެއިލްގެ ރިޕޯޓެއްގައިވާ ގޮތުން، ދައުވާ ކޮށްފައިވަނީ އީ-ހެއިލިން ހިދުމަތް ދޭ، ދެ ކުދިންގެ ބައްޕައެއް ކަމަށްވާ 37 އަހަރުގެ މުހައްމަދު ޝަފީގު އިބުރާހީމްގެ މައްޗަށެވެ. މެތަމްފެޓަމިން ބޭނުންކޮށްގެން ހުރެ ކާރު ދުއްވައި، ކާރުގައި އިން 22 އަހަރުގެ އާމިނަތު އީމިލީ ނާޒިމް މަރުވުމުގެ ސަބަބު އުފެއްދި ކަމުގެ ތުހުމަތު ވިޔަސް، ޑްރައިވަރު ވަނީ އެކަމަށް ދެކޮޅުހަދާފައެވެ. އެކްސިޑެންޓަށްފަހު ކުރި ޓެސްޓުތަކުން، ޓެކްސީ ދުއްވަން އިން މީހާ މެތަމްފެޓަމިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފައެވެ.
އޭނާގެ މައްޗަށް ކޮށްފައިވާ އަނެއް ދެ ދައުވާއަކީ، މަސްތުވާތަކެއްޗެއް ބޭނުންކޮށްގެން ހުރެ ކާރު ދުއްވައި، ކާރުގައި އިން 22 އަހަރުގެ އައިޝަތު ސާރާ ނިޒާމަށް އަނިޔާކުރުމާއި، ފަރުވާކުޑަކޮށް ދުއްވައިގެން އެހެން އުޅަނދެއްގައި ޖެހި ސާރާއަށް އަނިޔާކުރުމެވެ.
މެލޭޝިއާގެ މަގުމަތީގެ ދަތުރުފަތުރުގެ ގާނޫނުގެ ދަށުން، ފުރަތަމަ ދައުވާ ސާބިތުވެއްޖެނަމަ 15 އަހަރާ ހަމައަށް ޖަލު ހުކުމަކާއެކު 50،000 އިން 100،000 ރިންގިޓާ ދެމެދުގެ ޖޫރިމަނާއެއް ކުރެވިދާނެއެވެ. ދެވަނަ ދައުވާއަށް 10 އަހަރާ ހަމައަށް ޖަލާއި 30،000 އިން 50،000 ރިންގިޓާ ދެމެދުގެ ޖޫރިމަނާއެއް، އަދި ތިންވަނަ ދައުވާއަށް 12 މަހާ ހަމައަށް ޖަލާއި 5،000 އިން 10،000 ރިންގިޓާ ދެމެދުގެ ޖޫރިމަނާއެއް ކުރެވިދާނެއެވެ.
ޑްރައިވަރަށް ކޯޓުން ވަނީ 9،000 ރިންގިޓުގެ ބެއިލެއް ކަނޑައަޅާ، މައްސަލަ ނިމެންދެން އޭނާގެ ޑްރައިވިން ލައިސަންސް ހިފަހައްޓާފައެވެ. މައްސަލަ އަލުން ބެލުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރު 4 ވަނަ ދުވަހަށެވެ.
ކޮމެންޓު ފޮނުވާ