ސަރުކާރުން ދަރަނި ދެއްކުމަށް އެޅި ފިޔަވަޅުތަކާ ގުޅިގެން، ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒް އިން ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން Caa2 އިން Caa1 އަށް މަތިކޮށްފިއެވެ. އަދި ރާއްޖޭގެ އައުޓްލުކް ވަނީ "ސްޓޭބަލް" ކަމަށް ކަނޑައަޅާފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ބަދަލަކީ މި އަހަރު ބޮޑެތި ދަރަނިތައް ދައްކައި ހަލާސްކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެއްކޮށް ދެއްކި އިރު، މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓީ-ބިލްވެސް ދައްކާފައިވެއެވެ.
100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑެއްގެ މުއްދަތު 2031 އަށް ފަސްކުރެވުމުން، ކުރިއަށް އޮތް އަހަރުތަކުގައި ދަރަނި އަދާކުރުމުގެ ބުރަ ވަރަށް ލުއިވެފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އަޅަމުންދާ އިސްލާހީ ފިޔަވަޅުތަކާއެކު، ރާއްޖޭގެ މާލީ ހާލަތަށް ބޭރު ދުނިޔޭގެ އިތުބާރު ބޮޑުވެފައިވާކަން މޫޑީޒްގެ މި ނިންމުމުން ހާމަވާ ކަމަށް މިނިސްޓްރީން ފާހަގަކުރިއެވެ.
ކޮމެންޓު ފޮނުވާ