ސުލްހައަކީ މަޖުބޫރުކުރެވޭ ކަމެއް ނޫން، އެއީ ވިސްނުމެއް: ޖައިޝަންކަރ

ސުލްހައަކީ މަޖުބޫރުކުރެވޭ ކަމެއް ނޫން، އެއީ ވިސްނުމެއް: ޖައިޝަންކަރ

Author
އަހުމަދު
27 ސެޕްޓެމްބަރ 2026 01:46
0

ސުލްހައަކީ ބާރުލައިގެން ނުވަތަ ވާހަކަ ދައްކައިގެން ހޯދޭނެ ކަމެއް ނޫން ކަމަށާއި، އެއީ ވިސްނުމާއި ޤަބޫލުކުރުމެއް ކަމުގައި ވާންޖެހޭ ކަމަށް އިންޑިއާގެ ބޭރުގެ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އެސް. ޖައިޝަންކަރ ވިދާޅުވެއްޖެއެވެ.

ނިއު ޔޯކްގައި ބާއްވަމުންދާ ޔޫއެން ޖެނެރަލް އެސެމްބްލީގެ 81 ވަނަ ސެޝަނުގައި ވާހަކަފުޅު ދައްކަވަމުން ޖައިޝަންކަރ ވިދާޅުވީ، ޔޫއެން ޖެނެރަލް ޑިބޭޓް ނިމުމުން ބައިވެރިވި ހުރިހާ ވަފުދުތަކަކުން ސުލްހައާއި، ތަރައްޤީއާއި، ތަނަވަސްކަމަށް އިތުރު ޢަޒުމަކާއެކު ދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. ޔޫއެންގެ ޢިމާރާތުގެ ބޭރުގައި ލިޔެވިފައިވާ މަހާތުމާ ގާންދީގެ ބަސްތައް ހަނދާންކޮށްދެއްވަމުން، ސުލްހައަށް ގެންދާނެ ވަކި މަގެއް ނެތް ކަމަށާއި ސުލްހަ އަމިއްލައަށް މަގަކަށް ވާން ޖެހޭ ކަމަށް ޖައިޝަންކަރ ވިދާޅުވިއެވެ. މި ބަސްތަކަކީ މިޒަމާނަށް ވެސް ހިތްވަރު ލިބިދޭނެ ބަސްތަކެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޖައިޝަންކަރ ވިދާޅުވީ، ދުނިޔެ ދަނީ ގިނަ ބާރުގެ މަރުކަޒުތަކެއް ހުންނަ ނިޒާމަކަށް ކަމަށާއި، 1945 ވަނަ އަހަރުގެ ފަހުން އުފެދުނު ނިޒާމުގެ ބަދަލުގައި އާ ޙަޤީޤަތްތަކެއް ފާޅުވަމުންދާ ކަމަށެވެ. މި ބަދަލުތަކާ އެއްގޮތްވުމާއި، ޤަބޫލުކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، މިއަދު ދުނިޔޭގައި ފެންނަ ހަލަބޮލިކަމުގެ ބޮޑު ބައެއް އުފެދެނީ އެ ދަތިތަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތަފާތު ދުނިޔެއަކަށް، އިތުރަށް ޑިމޮކްރެޓިކް މުސްތަޤްބަލަކަށް ކުރިއަށް ދިއުން ހުއްޓުވޭނެ ގޮތެއް ނެތް ކަމަށްވެސް އެމަނިކްފާނު ވިދާޅުވިއެވެ.

ތަފާތު ޤައުމުތަކުން ހިމެނޭ ދުނިޔެއެއްގައި ސުލްހަ ދެމެހެއްޓުމަށް، ފުޅާ މަޝްވަރާއާއި، ހާމަކަމާއެކު ނިންމުންތައް ނިންމަން ޖެހޭ ކަމަށް ޖައިޝަންކަރ ވިދާޅުވިއެވެ. އިންސާނިއްޔަތުގެ ބޮޑު ބައެއް އެ މަރުޙަލާއިން ބޭރުކޮށްލެވޭކަށް ނެތް ކަމަށާއި، ގިނަ ޤައުމުތައް އެކުލެވޭ ޔޫއެންގެ ނިޒާމު އިޞްލާޙުކުރުމުގެ ބޭނުންތެރިކަން ދުވަހުން ދުވަހަށް ބޮޑުވަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެން މީހުންގެ މަޞްލަޙަތާއި ވިސްނުމަށް އިޙްތިރާމުކުރުމުން ސުލްހަ ދެމެހެއްޓުމުގެ ފުރުޞަތު ބޮޑުވާ ކަމަށާއި، އެފަދަ ވިސްނުމެއް އެންމެ ރަނގަޅަށް އުފެދެނީ އެކަކު އަނެކަކުގެ ޘަޤާފަތާއި، ތަރިކައާއި، ސަޤާފީ ޢާދަކާދަތަކަށް އަގުވަޒަންކުރުމުން ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

ދިހަ އަހަރު ވަންދެން ޔޫއެންގެ ޖަމިއްޔާއަށް ޚިދުމަތްކުރައްވައި ވަކިވެވަޑައިގަންނަވާ ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސްއަށް ޝުކުރުދަންނަވަމުން، އެމަނިކުފާނުގެ ޚިދުމަތްތަކިގެ އަގު އިންޑިއާއިން ވަރަށް ބޮޑަށް ވަޒަންކުރާ ކަމަށް ޖައިޝަންކަރ ވިދާޅުވިއެވެ. ޚާއްޞަކޮށް އިންޑިއާގެ "މިޝަން ލައިފް" އަށް ގުޓެރެސް ޝަޚްޞީ ގޮތުން ދެއްވި ތާއީދަށް ވަޒީރުޖައިޝަންކަރު ތައުރީފުކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.