އިސްރާއީލުން ފަލަސްތީނުގައި ކުރިއަށް ގެންދާ ޤަތުލުޢާންމު ހުއްޓުވުމަށް ދުނިޔޭގެ ގައުމުތަކުން ބަސްބުނުމަށްވުރެ ބޮޑަށް އަމަލީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނިއުޔޯކުގައި ބާއްވަމުންދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގައި ރާއްޖޭގެ ނަމުގައި ތަޤުރީރު ކުރައްވަމުން ނައިބު ރައީސް ފާހަގަކުރެއްވީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ޖަރީމާތައް އަދިވެސް ހުއްޓިފައި ނުވާ ކަމާއި، ސަރަހައްދުގެ އެހެން ގައުމުތަކުގެ ސިޔާދަތަށްވެސް އިސްރާއީލުން އަރައިގަންނަމުންދާ ކަމެވެ. ބާރާއި ނުފޫޒުގެ ސަބަބުން އެއްވެސް ގައުމަކަށް ޖަވާބުދާރީވުމުން ސަލާމަތްވެވިގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ދިމާވެފައިވާ މައްސަލައަކީ ޤާނޫނުތައް ނެތުމެއް ނޫން ކަމަށާއި، ބޭނުންވަނީ އެ ޤާނޫނުތައް ބާރުގަދަ ބާރުކުޑަ ތަފާތެއް ނެތި ހުރިހާ ގައުމަކަށް ހަމަހަމައަށް ތަންފީޒުކުރުން ކަމަށެވެ. ބައިނަލްއަޤްވާމީ ކޯޓުތަކުގެ ނިންމުންތަކާއި އދ. ގެ ޤަރާރުތަކަށް އިޙްތިރާމްކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ލަސްނުކޮށް ރައްކާތެރިކޮށް ފޯރުކޮށްދޭން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށަކަށް ހުންނަ މިނިވަން ފަލަސްތީން ދައުލަތެއް ޤާއިމުކުރުމަށާއި، ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ރާއްޖެއިން ކުރާ ގޮވާލުން ނައިބު ރައީސް ތަކުރާރުކުރެއްވިއެވެ. އަދި ކުދި ގައުމުތަކުގެ ސިޔާދަތަށް މިއަދު ކުރިމަތިވެފައިވާ ނުރައްކާތަކަށް އިޝާރާތްކުރައްވަމުން، 37 އަހަރު ކުރިން ރާއްޖޭގެ އިސްނެގުމުގައި އދ. އިން ފާސްކުރި ޤަރާރުވެސް ހަނދާންކޮށްދެއްވިއެވެ.
ކޮމެންޓު ފޮނުވާ