ހައުސިން މިނިސްޓްރީގައި ރޯވެ، އިތުރު ދެ މިނިސްޓްރީއެއްގެ އިމާރާތް އަނދައިގެން ދިޔަ އަލިފާނުގެ ހާދިސާގެ ސީނަށް ދިޔަ ފުލުހުންގެ ބޮޑީކެމް ފުޓޭޖު ހިމެނޭ ގޮތަށް، އެ ހާދިސާގެ ތަހުގީގުގެ ތަފްސީލުތައް މި ހަފްތާ ތެރޭގައި ހާމަކުރައްވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ވެލާނާގޭ ބޭރުގައި ހުންނަވައި އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ފުލުހުންގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިދޭން އެދިވަޑައިގަންނަވާނެ ކަމަށާއި، މި ހަފްތާގައި އެކަން ކުރެވިދާނެ ކަމަށް ލަފާ ކުރައްވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ސީނަށް ދިޔަ ފުލުހުންގެ ބޮޑީކެމްގެ ހުރިހާ ފުޓޭޖެއް ވެސް ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
2024 ވަނަ އަހަރުގެ ފަހުކޮޅު ހިނގި މި އަލިފާނުގެ ހާދިސާގެ ތަހުގީގާ ގުޅޭ ގޮތުން، މިދިޔަ އަހަރު ފުލުހުން ބާއްވަން ނިންމި ނޫސްވެރިންގެ ބައްދަލުވުން ފަހު ވަގުތު ވަނީ ކެންސަލްކޮށްފަ އެވެ. އޭގެ ފަހުން ތަހުގީގުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މިދިޔަ އޮގަސްޓު މަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވެފައި ވަނީ، ތަހުގީގު މިހާރު ނިމިފައިވާ ކަމަށާއި، އެއީ ބަޔަކު ގަސްތުގައި ރޯކޮށްލައިގެން ހިނގި ހާދިސާއެއް ނޫން ކަމަށެވެ. އަދި އަލިފާން ފެށިގެން އައީ ސީލިންގު ތެރޭގައި ހުރި އެއާކޮންޑިޝަންގެ ވަޔަރުތަކަކުން ކަމަށް ބޮޑީކެމް ފުޓޭޖުން ސާބިތުވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް މި މަހު ކުރީކޮޅު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެ ހާދިސާއަކީ ބަޔަކު ގަސްތުގައި ރޯކޮށްލައިގެން ހިނގި ކަމެއް ކަމަށާއި، އެކަން ކުރި މީހުން ފުލުހުންނަށް އެނގޭނެ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އެ ވާހަކަތަކާ ގުޅިގެން މައްސަލަ ބެލުމަށް އިހުސާން އެންގެވުމުން، ޔާމީނަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވި ނަމަވެސް، އެ މަނިކުފާނު ޗިޓާ ހަވާލުވެވަޑައިނުގެން، އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ނެތް ކަމަށް ސިޓީއަކުން ޖަވާބު ދެއްވި އެވެ.
ކޮމެންޓު ފޮނުވާ