ސީއެންއެން ހިމެނޭހެން ބޮޑެތި މީޑިއާތައް ވައިޓް ހައުސްއިން ބޭރުކޮށްލައިފި

ސީއެންއެން ހިމެނޭހެން ބޮޑެތި މީޑިއާތައް ވައިޓް ހައުސްއިން ބޭރުކޮށްލައިފި

Author
އަހުމަދު
19 ސެޕްޓެމްބަރ 2026 11:24
0

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މެދު ފާޑުކިޔާ ބޮޑެތި ބައެއް މީޑިއާތައް ކަމަށްވާ ސީއެންއެން، އެމްއެސް ނައު އަދި ޕޮލިޓިކޯ ވައިޓް ހައުސްއަށް ވަނުން މަނާކޮށްފި އެވެ.

ހުކުރު ދުވަހު ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރުތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ތިން މީޑިއާއިން އެމަނިކުފާނުގެ ސަރުކާރާ މެދު ދޮގު ހަބަރު ފަތުރަމުންދާތީ ވައިޓް ހައުސްއަށް ވަނުމުގެ ފުރުސަތު ބަންދުކުރައްވާ ކަމަށެވެ. ނަމަވެސް އެ ތުހުމަތުތަކުގެ އެއްވެސް ހެއްކެއް ހާމައެއް ނުކުރައްވަ އެވެ.

މި ނިންމުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ގާނޫނާ ހިލާފު ހަމަލާއެއް ކަމަށް ބުނެ ސީއެންއެން އިން ވަނީ ކަންބޮޑުވުން ފާޅުކޮށް، މައްސަލަ ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފަ އެވެ. ޕޮލިޓިކޯއިން ވެސް ބުނީ ސަރުކާރުގެ އަމަލުތައް އިންސާފުވެރިކަމާ އެކު ރިޕޯޓު ކުރުމުގައި ދެމިތިބޭނެ ކަމަށެވެ. މި އެންގުމަށް ފަހު ވެސް ދެ މީޑިއާގެ ނޫސްވެރިން ވައިޓް ހައުސްގައި ހަރަކާތްތެރިވަމުން ގޮސްފައިވާއިރު، އައިއޯވާގައި އޮތް ނައިބު ރައީސް ޖޭޑީ ވެންސްގެ ހަރަކާތެއްގައި ސީއެންއެންގެ ޓީމެއް ބައިވެރިވި އެވެ.

ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަންގެ ރައީސާ ޖެކީ ހައިންރިކް ވިދާޅުވީ، މިއީ ހަމައެކަނި ނޫސްވެރިންގެ މައްސަލައެއް ނޫން ކަމަށާއި، ސަރުކާރުގެ ސިޔާސަތުތައް ބެލުމަށް ރައްޔިތުންނަށް ލިބިދޭ ހައްގަކަށް ދިން ގެއްލުމެއް ކަމަށެވެ.

ޖެނުއަރީ 2025 ގައި ދެ ވަނަ ދައުރަކަށް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ޓްރަމްޕް ވަނީ ނޫސްވެރިކަމުގެ އެތައް އުސޫލެއް ބަދަލުކުރައްވައި، "ގަލްފް އޮފް މެކްސިކޯ"ގެ ނަން ބޭނުންކުރި މައްސަލައިގައި އެސޯސިއޭޓެޑް ޕްރެސްއަށް ފިޔަވަޅު އެޅުއްވުން ފަދަ ފިޔަވަޅުތައް އަޅުއްވައިފަ އެވެ. ކުރިއަށް އޮތް ތަނުގައި މި ލިސްޓަށް އިތުރު މީޑިއާތައް ވެސް އިތުރުކުރެއްވިދާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.