ރާއްޖޭގެ އެކި ހިސާބުތަކުގައި ހުމާއި ރޯގާ އަދި ބޭރަށްހިންގުމުގެ ބަލި ފެތުރެމުންދާތީ، ފަރުދީ ފެންވަރުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ، މި ބަލިތައް ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށާއި، ސްކޫލު ޗުއްޓީއާ ދިމާކޮށް ދަތުރުފަތުރު ކުރުމާއި ޒިޔާރަތްކުރުން އިތުރުވުމުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.
ބަލިން ރައްކާތެރިވުމުގެ ގޮތުން، ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށާއި، ގިނައިން ދިޔާތަކެތި ބުއިމަށާއި، މާސްކު އެޅުމަށާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމަށް އެ އެޖެންސީން ވަނީ ނަސޭހަތްތެރިވެފައެވެ. ހަމައެއާއެކު، ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމަށާއި، ސައިބޯނިލައިގެން ގިނަގިނައިން އަތްދޮވުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.
ހުން މަޑުކުރުމަށް ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް އަމިއްލައަށް ބޭނުންނުކުރުމަށާއި، ތިން ދުވަހަށްވުރެ ދިގުމުއްދަތަކަށް ހުން ދެމިގެންދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
ބޭރަށްހިންގުމުން ރައްކާތެރިވުމަށް، ސާފު ބޯފެން ބުއިމަށާއި، ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ކެއުމަށާއި، ރޯކޮށް ކާ ތަކެތި ރަނގަޅަށް ދޮވެގެން ބޭނުންކުރުމަށް އެ އެޖެންސީން ވަނީ އަންގާފައެވެ. އަދި ބޭރަށްހިންގުން ޖެހިއްޖެނަމަ ލޮނުޕެކެޓް ބޭނުންކޮށްގެން ހަށިގަނޑަށް ދިޔާތަކެތި އިތުރުކުރުމަށާއި، ވަރު ދެރަވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.
ކޮމެންޓު ފޮނުވާ