ސައިކަލެއްގެ މަޑިދަށުގައި ކިލޯއަކަށްވުރެ ގިނަ ކެނަބިސް ފޮރުވައިގެން ގެންގުޅުނު ޅ. ހިންނަވަރު، ކަފިދޫގޭ، ހާރޫން ޖައިލަމް 17 އަހަރަށް ޖަލަށްލުމަށާއި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ހާރޫން ހައްޔަރުކުރެވުނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިދިޔަ އަހަރުގެ އޮގަސްޓް މަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު، އޭނާގެ އަތުން ފެނުނު ތަޅުދަނޑިން ސައިކަލުގެ މަޑިހުޅުވައި ބެލިއިރު، ކިލޯއަކަށްވުރެ ގިނަ ކެނަބިސް އެ ސައިކަލުގެ މަޑިދަށުން ފެނުނުކަމަށް ދައުލަތުން ބުނެއެވެ.
ދައުލަތުން އޭނާގެ މައްޗަށް އުފުލި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއަށް އޭނާ ޝަރީއަތުގައި އިއުތިރާފުވެ، އިއުތިރާފުގެ އެއްބަސްވުމެއް ދައުލަތާއެކު ގާއިމުކޮށްފައިވުމުން، އޭނާގެ އަދަބު 17 އަހަރަށް ކުޑަކުރުމަށް ދައުލަތުން ވަނީ އެއްބަސްވެފައެވެ. ޖޫރިމަނާގެ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށްވެސް ހުކުމުގައި ވަނީ އަންގާފައެވެ.
ނަމަވެސް، ތަހުގީގާއި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން، އޭނާ ދެން ތަންފީޒުކުރަން ޖެހޭނީ 15 އަހަރާއި 11 މަސް ދުވަހުގެ ޖަލު ހުކުމެކެވެ.
ކޮމެންޓު ފޮނުވާ