ރާއްޖޭގައި މިވަގުތު އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަބަދުވެސް އިސްކުރާނީ ޤައުމީ މަސްލަހަތުކަމަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާޙުކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ 2023 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމުގެ މަސައްކަތް ފެއްޓެވިއިރު އެންމެ 3,000 މެންބަރުން ތިބި ޕާޓީގައި، މިއަދު ގާތްގަނޑަކަށް 80,000 މެންބަރުން ހަމަވެފައިވާ ކަމަށެވެ. މިއީ މެންބަރުންގެ ބުރަ މަސައްކަތުން ހޯދުނު ބޮޑު ކުރިއެރުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާޓީގެ ޝިއާރަކީ ހަމަޖެހުމާއި ތަރައްޤީ އަދި ރައްކާތެރިކަން ކަމަށާއި، ސަރުކާރުގެ ސިޔާސަތުތަކާއި މެނިފެސްޓޯ ބިނާވެފައި އޮތީ މި އަސާސްތަކުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޒިންމާދާރުކަން ކުޑަގޮތެއްގައި ހިންގޭ ސިޔާސީ ހަރަކާތްތަކަށް ޕާޓީގެ ތެރެއިން ފުރުސަތު ދީގެން ނުވާނެ ކަމަށާއި، ޕީއެންސީގެ އޮތީ "އެންމެ ފުރަތަމަ ޤައުމު" އިސްކުރުމުގެ ސާފު އެޖެންޑާއެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާން ފުރިހަމަ ހާލަތަކަށް ގެންދިއުމުގައި ޕީއެންސީން ލާމަސީލު މިސާލު ދައްކާނެކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވާ ޕީއެންސީގެ މަތީ މަޖިލިސް މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ކޮމެންޓު ފޮނުވާ