ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގައި ބައިވެރިވެ، އިންޑިއާގެ ކެރެލާ ސްޓޭޓުން ރާއްޖެއަށް 1،200 އަނބާއި ސާގުވާނުގަހުގެ ޅަގަސް ހަދިޔާކޮށްފިއެވެ. މި ހަދިޔާއަކީ ރާއްޖޭގެ ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި ގޮނޑުދޮށުގެ ދިރުން ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކަށް ދެވޭ އެހީއެކެވެ.
ކެރެލާއިން ހަދިޔާކޮށްފައިވާ ޅަގަސްތަކުގެ ތެރޭގައި ހިމެނެނީ 600 ގްރާފްޓް އަނބުގަހުގެ ޅަގަހާއި 600 ސާގުވާނުގަހުގެ ޅަގަހެވެ.
މި ޕްރޮގްރާމު ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވީ ކެރެލާގެ ފޮރެސްޓް މިނިސްޓަރ ޝިބޫ ބޭބީ ޖޯން، މިނިސްޓަރުގެ ޗެމްބަރުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޑރ. ޕްރަމޯދު ޖީ. ކްރިޝްނަން، އައި.އެފް.އެސް، އޭ.ޕީ.ސީ.ސީ.އެފް (ސޯޝަލް ފޮރެސްޓްރީ) ގެ ޙާޟިރުގައި، ރާއްޖޭގެ ކޮންސަލް ޖެނެރަލް އައިމިނަތު ޝިފާނާ ވަނީ މި ޅަގަސްތައް ބަލައިގަނެފައެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މިނިސްޓަރ ޝިބޫ ބޭބީ ޖޯން ވިދާޅުވީ، މި ޕްރޮގްރާމަށް އެހީތެރިވެވުމަކީ ކެރެލާއަށް ލިބޭ ފަޚުރެއް ކަމަށާއި، މިއީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ.
ކޮންސަލް ޖެނެރަލް އައިމިނަތު ޝިފާނާ ވަނީ ކެރެލާއިން ދިން މި ހަދިޔާއަށް ޝުކުރު އަދާކުރައްވައި، ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ސްޓޭޓަކުން ލިބުނު މި ޅަގަސްތަކަކީ "ލޯބީގެ ހަދިޔާ" އެއް ކަމުގައި ސިފަކުރައްވާފައެވެ.
މި ހަދިޔާ ދިނުމުގެ ފަހަތުގައި ވަނީ، 2025 ވަނަ އަހަރުގެ ޖުލައި 25 އަދި 26 ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ރައީސް މުޢިއްޒުގެ ފަސް މިލިއަން ގަހުގެ މަޝްރޫޢަށް އިންޑިއާއިން ޅަގަސް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވުމެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި މި މަޝްރޫޢުގެ މަޤްޞަދަކީ، ތިމާވެށީގެ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމާއި، ފެހިކަން އިތުރުކުރުމާއި، މޫސުމީ އަދި ތިމާވެށީގެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމެވެ.
ހަދިޔާކުރި 600 ގްރާފްޓް އަނބުގަހުގެ ޅަގަސް ހޯދާފައިވަނީ ތިރުވަނަންތަޕުރަމްގެ ވެއްލަޔާނީ އެގްރިކަލްޗަރަލް ކޮލެޖުންނެވެ. އަދި 600 ސާގުވާނު ޅަގަސް ހޯދާފައިވަނީ ކުލަތުޕުޒަ ސެންޓްރަލް ނާސަރީންނެވެ.
ރާއްޖެއަށް ފޮނުވުމުގެ ކުރިން މި ޅަގަސްތައް ޚާއްޞަ ކަވަރުތަކުގައި ތައްޔާރުކޮށްފައިވަނީ ތިރުވަނަންތަޕުރަމްގެ ޕޫޖައްޕުރަ ޑިސްޓްރިކްޓް ޕާމަނަންޓް ނާސަރީގައެވެ.
ކެރެލާގެ މި ބައިވެރިވުމަކީ ރައީސް މުޢިއްޒުގެ ފްލެގްޝިޕް ގަސް އިންދުމުގެ މަޝްރޫޢަށް އިންޑިއާއިން ވެދޭ އިތުރު އެހީއެއް ކަމަށާއި، މިއިން ދޭހަކޮށްދެނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ތިމާވެށީގެ ދާއިރާއިން އޮންނަ އެއްބާރުލުން ދުވަހުން ދުވަހަށް ބަދަހިވަމުންދާ މިންވަރެވެ.
ކޮމެންޓު ފޮނުވާ