ދިވެހިންގެ ތެރެއިން ފަނޑުވަމުންދާ އިހުތިރާމުކުރުމުގެ ރީތި އާދަ އަލުން ދިރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި "އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު" އަށް ލޯގޯއެއް ފަރުމާކުރުމުގެ ފުރުސަތު މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރު އެންޑް ހެރިޓޭޖުން މިއަދު ހުޅުވާލައިފި އެވެ.
ފަސް އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި މަޝްރޫއުގެ ޝިއާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" އެވެ. މަޝްރޫއު ކުރިއަށް ގެންދިޔުމުގައި އިސްކޮށް ހަރަކާތްތެރިވާނީ ހެރިޓޭޖް މިނިސްޓްރީ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިންނެވެ. މަޝްރޫއުގެ މީޑިއާ ޕާޓްނަރުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުން ވެސް މިއަދު ވަނީ ބާއްވައިފަ އެވެ.
މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން، ފަރުމާކުރާ ލޯގޯއިން އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ތެރެއިން ލޯތްބާއި ކުލުނު ރަމްޒުކޮށްދޭން ޖެހޭއިރު، ބޭނުންކުރާ ކުލަތައް ވެސް ގައުމާއި ދިވެހިންގެ މާހައުލާ ގުޅެންޖެހެ އެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމިއްޔާ ޖަމާއަތްތަކާއި އުމުރުން 16 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވެސް ބައިވެރިވެވޭނެ އެވެ. ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އެވެ. އެއް ވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި 60،000ރ. ދޭނެ އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކަލްޗާ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވީ މަޝްރޫއު ފެށުމުގެ ކުރިން ހުރިހާ މިނިސްޓްރީތަކާއި ޖަމިއްޔާ ޖަމާއަތްތަކާ މަޝްވަރާކޮށްފައިވާ ކަމަށާއި، މިއީ ފަސް އަހަރަށް ކުރިއަށް ގެންދިޔަޔަސް ދާއިމީ ގޮތެއްގައި މުޖުތަމައުގެ އެންމެންނަށް އަމާޒުކޮށްގެން ގެންދަން ޖެހޭ މަޝްރޫއެއް ކަމަށެވެ. އަދި މަޝްރޫއު ކާމިޔާބުކުރުމަށް އެންމެންގެ އެއްބާރުލުމަށް އޭނާ އެދިވަޑައިގަތެވެ.
ކޮމެންޓު ފޮނުވާ