ޤައުމުގެ ސަލާމަތަކީ އިސްލާމްދީން: ރައީސް މުޢިއްޒު

ޤައުމުގެ ސަލާމަތަކީ އިސްލާމްދީން: ރައީސް މުޢިއްޒު

Author
އަހުމަދު
12 ސެޕްޓެމްބަރ 2026 08:27
0

ދިވެހި ޤައުމުގެ އިއްޔެއާއި މިއަދާއި މާދަމާގެ ސަލާމަތަކީ ވެސް އިސްލާމްދީން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވައި، "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އިސްލާމްދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތަކަށް އުޖާލާކަން ލިބުނުތާ 900 އަހަރު ފުރިފައިވާއިރު، ދިވެހީން ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް ވޭތުކޮށްފައި ވަނީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމުގައި ޤަބޫލުކޮށްގެން ކަމަށެވެ. މި މަތިވެރި ނިޢުމަތަށްޓަކައި މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ދިވެހީން އަބަދުވެސް ދެމިތިބީ އެ މީހުންގެ އުޅުމާއި އާދަކާދަތަކާއި މުޢާމަލާތުތަކުގައި އިސްލާމީ ޘަޤާފަތާއި އުޞޫލުތަކުގައި ހިފަހައްޓައިގެން ކަމަށާއި، އިސްލާމްދީނާއި މި ޤައުމުގެ މިނިވަންކަމާ ދެކޮޅަށް ނުކުތް ކޮންމެ ދުޝްމަނަކާ ދެކޮޅަށް ﷲގެ މަގުގައި ދިވެހީން ޖިހާދުކޮށްފައިވާކަން ރައީސް ހަނދާން އައުކުރެއްވިއެވެ. މީގެ އިތުރުން، ހިޖުރީގޮތުން ވޭތުވި ނުވަ ޤަރުނުގެ ތެރޭގައި ދިވެހީން ޙާޞިލުކުރި ކޮންމެ ނަޞްރަކާއި، ތަމައްދުނަކާއި، ފާގަތިކަމެއްގެ މައިގަނޑު ސަބަބަކީ ވެސް އިސްލާމްދީން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މެސެޖު ނިންމަވާލައްވަމުން، ދިވެހީން އަބަދަށް މުސްލިމުންގެ ގޮތުގައި ލަހައްޓަވައި، އިސްލާމްދީނުގެ ސަބަބުން މި ވަޠަނަށް ރައްކާތެރިކަމާއި މަތިވެރިކަން އިތުރުކޮށްދެއްވުން އެދިވަޑައިގެން ރައީސް ދުޢާ ދެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.