އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހޮނިހިރު ދުވަހު ފެށި BRICS ޖަމާޢަތުގެ ސަމިޓުގައި، ބައިވެރިވި 11 ޤައުމުން އެއްބަސްވެގެން ޖޮއިންޓް ޑިކްލަރޭޝަނެއް ފާސްކޮށް، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލައި، ދުނިޔޭގެ ވިޔަފާރި، ސަޕްލައި ޗެއިން އަދި ހަކަތައިގެ ފޯރުކޮށްދިނުން ދެމެހެއްޓުމަށް ގޮވާލައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހޯސްޓުކުރައްވާ ދެ ދުވަހުގެ މި ސަމިޓުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އަދި އީރާނުގެ ރައީސް މަސޫދު ޕެޒެޝްކިއާން ބައިވެރިވެވަޑައިގަންނަވައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ޝީ ޖިންޕިންގެ މި ދަތުރަކީ ފާއިތުވި ހަތް އަހަރު ތެރޭގައި ޗައިނާގެ ރައީސް އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރެވެ.
ޑިކްލަރޭޝަނުގައި، މެދުއިރުމަތީގައި ހަމަނުޖެހުންތައް އިތުރުވަމުންދާ ކަމާމެދު ފުން ކަންބޮޑުވުން ފާޅުކޮށް، ސިވިލް އިންފްރާސްޓްރަކްޗަރ އަދި ޚާއްޞަކޮށް ނިއުކްލިއަރ ފެސިލިޓީތަކަށް ޙަމަލާ ދިނުމާ ދެކޮޅު ހަދައި، "އެންމެ މަތީ ދަރަޖައިގެ ހިފެހެއްޓުމެއް" ގެންގުޅުމަށް ގޮވާލައިފައި ވެއެވެ. ހަމަ އެއާއެކު، އިސްރާއީލުން ފަލަސްޠީނު ރައްޔިތުން މަޖުބޫރުން ބޭރުކުރުމަށާއި، ހިފާފައިވާ ބިންތަކުގެ ޖުޣްރާފީ އަދި އާބާދީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ސާފު ދެކޮޅު ހެދުމެއް ފާޅުކޮށް، ޣައްޒާގައި ހިންގާ ޢުދުވާން ހުއްޓާލައި، ފަލަސްޠީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ވެސް ގޮވާލައިފައި ވެއެވެ.
މީގެ އިތުރުން، ހުޅަނގުގެ ބާރުތަކުން ނުފޫޒު ފޯރުވާ ޕޭމަންޓް ސިސްޓަމްތަކުގެ ބަދަލުގައި އެހެން ޗެނަލްތައް ފުޅާކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާއި، އެއް ފަރާތުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޓެރިފްތަކާ ދެކޮޅު ހެދުމުގެ ވާހަކަތައް ވެސް ޑިކްލަރޭޝަނުގައި ހިމެނިފައި ވެއެވެ.
BRICS އަކީ 2006 ވަނަ އަހަރު ބްރެޒިލް، ރަޝިޔާ، އިންޑިއާ އަދި ޗައިނާ އިން އުފެއްދި ޖަމާޢަތެއް ކަމަށްވެ، ފަހުން ސައުތު އެފްރިކާ ހިމެނި، މިހާރު 11 މެންބަރު ޤައުމު ހިމެނޭ ޖަމާޢަތެއްގެ ގޮތުގައި ފުޅާވެފައި ވެއެވެ. މި ސަމިޓާއެކު ޖަމާޢަތުގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ