ދޫނިދޫއާއި މާލެއާ ދެމެދު ނަގިލި ލައިގެން ބާއްވާފައި އޮތް، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ދެ ބޯޓެއް ރޭ ނަގިލި ކަނޑައިގެން ގޮސް، ސިނަމާލެ ބްރިޖުގެ ތަނބުތަކުގައި ޖެހިއްޖެއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި، ރޭ 10:00 ހާއިރު ހިނގި މި ހާދިސާގައި ދެ ބޯޓު އޮޔާ ގޮސް ފުރަތަމަ ލެއްގީ ކާނިވާ ސަރަހައްދުގެ ފަރުމައްޗަށެވެ. އޭގެ ފަހުން އޮޔާއެކު ދަތުރުކޮށް ސިނަމާލެ ބްރިޖުގެ ތަނބުތަކުގައި ވެސް ޖެހުނެވެ.
ހާދިސާ ހިނގުމާއެކު ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ބޯޓުތަކުގައި ތިބި މީހުން ސަލާމަތްކޮށް، ކަސްޓަމްސްގެ އޮފިޝަލުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ދެ އުޅަނދަކީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ހުރި ދެ ބޯޓު ކަމަށްވާތީ، އެ ބޯޓުތަކާ ގުޅޭ އިތުރު ތަފްސީލު ހާމަކުރާނީ ކަސްޓަމްސް އިން ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. ނަމަވެސް، މި ދެ ބޯޓު ރާއްޖެ ސަރަހައްދަށް ވަން ދުވަހަކާއި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ސަބަބާ ގުޅޭގޮތުން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ