ކީރިތި ގުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތް، ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ރަސްމީކޮށް ފައްޓަވައި ދެއްވައިފި އެވެ.
މުބާރާތް ފައްޓަވައި ދެއްވަމުން ނައިބު ރައީސް ވިދާޅުވީ ކުދިންގެ ހިތްތަކުގައި ގުރުއާން ކިޔެވުމުގެ ރީތި އާދަ އަށަގަންނުވައި، ގުރުއާނާ ގާތް ޖީލެއް ބިނާކުރުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމަށެވެ. އަދި މުބާރާތުގެ ނަތީޖާއަށް ވުރެ ބޮޑަށް، ދަރިވަރުންގެ ހިތްތަކުގައި ގުރުއާނަށް އޮތް ލޯބި ދެމެހެއްޓުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި ފަހަރުގެ މުބާރާތް ބާއްވަނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު އެވެ. މާލެ ސަރަހައްދާއި ރާއްޖޭގެ 20 ސަރަހައްދެއްގައި ބޭއްވި އޮޑިޝަން ބުރުގައި 2،742 ދަރިވަރުން ބައިވެރިވެފައިވާއިރު، ސެމީ ފައިނަލަށް ދަތުރުކުރީ 379 ދަރިވަރުންނެވެ.
ސެމީ ފައިނަލްގެ ކިޔެވުން މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އަދި ފައިނަލް ބުރު އޮންނާނީ އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު އެވެ.
ކޮމެންޓު ފޮނުވާ