ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފިއެވެ. މި މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުގެ އިތުރުން ބޭރު ޤައުމުތަކުގެ މަންދޫބުންވެސް ބައިވެރިވެވަޑައިގަތެވެ.
މުބާރާތުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބާއްވާ ފުރަތަމަ މުބާރާތްކަމުގައިވާ މި މުބާރާތުގައި، ކުރީގެ މުބާރާތްތަކާ ޚިލާފަށް، މުއައްސަސާއެއް ތަމްސީލުކުރުމުގެ ބަދަލުގައި ފަރުދީ ގޮތުން ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް 7 ޢުމުރުފުރައަކަށް ބަހާލައިގެން ކުރިއަށްގެންދެއެވެ.
މާލެއާއެކު ރާއްޖޭގެ 22 ސަރަޙައްދެއްގައި މިދިޔަ ޖޫން 4 އިން ޖުލައި 15 އަށް ބޭއްވި އޮޑިޝަން ބުރުގައި، ރަޖިސްޓްރީކުރި 3050 ބައިވެރިންގެ ތެރެއިން 2742 ބައިވެރިން ކިޔެވި އިރު، ސެމީ ފައިނަލް ބުރަށް ހޮވުނީ 379 ބައިވެރިންނެވެ. ސެމީ ފައިނަލް ބުރު 11 ސެޕްޓެމްބަރުން 14 ސެޕްޓެމްބަރަށް، އަދި ފައިނަލް ބުރު 16 ސެޕްޓެމްބަރުން 17 ސެޕްޓެމްބަރަށް ކުރިއަށްދާނެއެވެ.
އިންސާފުކުރުމަށް ކަނޑައަޅާ ފަނޑިޔާރުންގެ ދެ ޕެނަލްގައިވެސް ބައިނަލްއަޤުވާމީ ފެންވަރުގެ މަދުވެގެން އެއް ފަނޑިޔާރު ހިމެނޭނެއެވެ. ކޮންމެ ޢުމުރުފުރައަކުންވެސް ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިން 1، 2 އަދި 3 ވަނަ ހޮވާނެއެވެ. އަދި މުޅި މުބާރާތުން 1 ވަނަ ހޯދާ ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޤައުމީ ޤުރުއާން މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ޝަރަފުވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތަށް ހެދުމަށާއި، މުބާރާތުގެ ޚަރަދު ސީދާ ދައުލަތުގެ ބަޖެޓުން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
ކޮމެންޓު ފޮނުވާ