ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކާއި ހަރަކާތްތަކުގައި ސާބިތުނުހިފޭ ވާހަކަތައް ދެއްކުން އިތުރުވަމުންދާތީ، އެފަދަ ކަންކަން ހުއްޓާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕާޓީތަކަށް އިލްތިމާސްކޮށްފިއެވެ.
އީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް ނަމަވެސް، އެ ހައްގުގެ ބޭނުން ހިފަންވާނީ ޒިންމާދާރުކަމާއެކު ކަމަށެވެ. އަދި ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކެއް ޕާޓީއެއްގެ މައްޗަށް ނުވަތަ މެންބަރެއްގެ މައްޗަށް ކުރުމަކީ ސިޔާސީ ޕާޓީތަކުގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށްވެސް އީސީން ފާހަގަކުރިއެވެ.
އެގޮތުން ރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުތަކާ ހިލާފުނުވާނެ ގޮތެއްގެ މަތިން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ބައްޓަންކުރުމަށް ކޮމިޝަނުން ވަނީ ގޮވާލާފައެވެ.
އީސީގެ މި ބަޔާން ނެރެފައި މިވަނީ، ސެޕްޓެންބަރު 5 ވަނަ ދުވަހު ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ގްރީން ބިލްޑިންގްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ގާތް ގުޅުމެއް އޮންނަ ބޭފުޅަކު ގަސްތުގައި ރޯކޮށްލައިގެން ހިނގި ހާދިސާއެއް ކަމަށް ތުހުމަތުކުރެއްވިތާ ދުވަސްކޮޅެއްގެ ތެރޭގައެވެ.
ޔާމީންގެ އެ ވާހަކަފުޅާ ގުޅިގެން، އެ ތުހުމަތުތައް ތަހުގީގުކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅުއްވާފައެވެ. އަދި ޔާމީން ފުލުހަށް ހާޒިރުކުރުމަށް ޗިޓު ފޮނުވުމުން، އިތުރު މައުލޫމާތެއް ނެތް ކަމަށް ވިދާޅުވެ ޔާމީން ވަނީ ލިޔުމުން ޖަވާބުދެއްވާފައެވެ.
ކޮމެންޓު ފޮނުވާ